އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބާންލީ ބަލިކޮށް ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ބާންލީ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. މޮޅާއެކު ލިވަޕޫލް ވަނީ ފައިދާ ގޯލްގެ ތަފާތުން ލެސްޓާ ސިޓީއަށްވުރެ މަތިން ހަތަރުވަނައަށް ޖެހިލައިފައެވެ. އެޓީމުން މިހާތަނަށް ކުޅުނު 37 މެޗުން 66 ޕޮއިންޓާއެކު ފައިދާ 24 ގޯލް ހޯދާފައިވާއިރު، ފަސް ވަނައިގައި އޮތް ލެސްޓާއަށް ލިބިފައި ވަނީ 37 މެޗުން 66 ޕޮއިންޓާ އެކު ފައިދާ 20 ގޯލެވެ.

ލެސްޓާއިން މި ހަފްތާގައި ކުޅުން ފެށީ ތިންވަނައިގައި އޮވެގެން ނަމަވެސް، ލީގުގައި ބާކީ މެޗެއް އޮއްވައި އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ. ލެސްޓާއިން ރޭ ޗެލްސީ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ޗެލްސީ އޮތީ 37 މެޗުން 67 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. މިހާރު ތާވަލަށް ބަލާއިރު، ލީގުގެ ފަހު މެޗަށްދާއިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ހޯދުމަށް ގަދަ ހަތަރަކަށް އެރުމުގެ ބާރު އޮތީ ޗެލްސީއާއި ލިވަޕޫލް އަތުގައެވެ. އެ ދެޓީމުންވެސް ފަހު ދުވަހު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ލެސްޓާއަށް ފުރުސަތު ގެއްލި ޗެމްޕިއަންސް ލީގަށް ދާނީ ލިވަޕޫލާ ޗެލްސީއެވެ.

ލިވަޕޫލުން ޑޮމިނޭޓްކޮށްގެން ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އެޓީމުން ވަނީ ލީޑު ނަގާފައެވެ. ލިވަޕޫލަށް ލީޑު ނަގައިދިނީ ރޮބާޓް ފިރްމީނޯއެވެ. ދެވަނަ ހާފުގައި ލިވަޕޫލުން އިތުރު ދެ ގޯލް ޖަހާފައިވާއިރު، ގޯލްތައް ޖަހައިދިނީ ޑިފެންޑަރު ނެޓް ފިލިޕްސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިންއެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައި ވަނީ ނިމިގެން ދިޔަ މެޗަކީ ސެމީ ފައިނަލް ކަމަށާއި، ދެން އޮތް މެޗަކީ ފައިނަލް މެޗު ކަމަށެވެ.

"މިއަދު މިކުޅުނީ ސެމީ ފައިނަލް. އެ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތީ. ދެން އޮތީ ފައިނަލް. އަދި އެއްވެސް ކަމެއް ނުނިމޭ. ގަދަ ހަތަރެއް ޔަގީނެއް ނުވޭ. ދެން އޮތް މެޗަށް ތައްޔާރަށް ޓީމު އޮތީ. އެންފީލްޑަށް 10،000 ސަޕޯޓަރުން ވަދެ، ސަޕޯޓް ކުރާތަން ދެކެން ވަރަށް ބޭނުންވެފައި މިހުރީ. ޕެލެސް ވަރުގަދަ ވާނެ. އެކަން ދަންނާނެ. ރިކަވަރީއަށްފަހު ޓީމުގެ 100 ޕަސެންޓް ދައްކަން ޖެހޭ،" މެޗަށްފަހު ޖޯޝުގައި ހުރި ކްލޮޕް ބުނެފައިވެއެވެ.

ރޭ ލީގުގައި އާސެނަލްއާއި ވެސްޓްހަމްއިން ކުޅުނު މެޗުތަކުންވެސް މޮޅުވެފައިވާއިރު، ވެސްޓްހަމް ވަނީ ހަވަނައަށް ޖެހިލައިފައެވެ. އަދި އާސެނަލްއަށް ޔޫރަޕްގެ އުންމީދު ނުގެއްލި އޮތްއިރު، އެޓީމު މިވަގުތު އޮތީ ނުވަ ވަނައިގައެވެ.

ގަދަ ހަތަރެއްގެ އިތުރުން ޔޫރޮޕާ ލީގު މާގާމުތަކަށްވެސް ފޯރި ގަދަވެފައި އޮތްއިރު، ލީގު ފަހު މެޗުތައް އޮންނާނީ އާދީއްތަ ދުވަހުގެ ރޭގައެވެ. ގަދަ ހަތަރެއްގެ ވާދަވެރި މެޗުތަކުގެ ތެރެއިން ލިވަޕޫލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ޗެލްސީ ރަށުންބޭރުގައި އެސްޓަން ވިލާއާ ކުޅޭއިރު، ލެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ.