ދުނިޔެއަށް މިހާރު ކުރިމަތިވެފައި އޮތް ބަލިމަޑުކަމުގެ އަސްލު ކަމަށްވާ, ކޮވިޑް-19 ފެތުރުނު ގޮތް ބަލައި ހޯދައި އެކަމުގެ ފުންމިނަށް ދިއުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ރިސާޗް އިންސްޓިޓިއުޓްތަކުގެ ސައިންސްވެރިން ގޮވާލައިފިއެވެ.
ދުނިޔޭގެ މަޝްހޫރު 18 ސައިންސްވެރިންގެ ފަރާތުން ސައިންސް މަޖައްލާ, ޖާނަލް ސައިންސްގައި ހިއްސާ ކޮށްފައިވާ ސިޓީއެއްގައި ބުނީ, ޗައިނާގެ ލެބަކުން ސާސް-ކޯވީ-2 ބޭރުވި ކަމަށް ބުނާ ވާހަކައަށް ބުރަވެވޭނެ ވަރުގެ ހެއްކެއް ހޯދިފައި ނެތް ކަމަށެވެ. އެހެންކަމުން އެކަން ހޯދައި ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށް ސިޓީގައިވެއެވެ.
"ކޮވިޑުގެ އަސްލަކީ ކޮބައިތޯ, މި ސުވާލަށް ސައިންސްގެ މައްޗަށް ބުރަވެވޭ މިނިވަން އަދި ފުރިހަމަ ތަހުގީގެއް ހަދަން މަޖުބޫރުވޭ. އަދި އެކަމާ ގުޅިގެން ނިންމުމެއް އަންނަން ވާނީ ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް," އެ ސިޓީ ލިޔުއްވި ސްޓެންފޯޑް ޔުނިވާސިޓީގެ މައިކްރޮބަޔޮލަޖީ އެންޑް އިމިއުނޮލޮޖީގެ ޕްރޮފެސަރު ޑރ. ޑޭވިޑް ރެލްމާން ވިދާޅުވިއެވެ.
ސައިންސްވެރިން މިގޮތަށް ލިޔެ ސިޓީއެއް އާންމު ކޮށްފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19ގެ އަސްލު ހޯދުމަށް ކުރި ތަހުގީގަށްފަހު މާޗް މަހުގެ 30 ވަނަ ދުވަހު އާންމުކުރި ރިޕޯޓާ ހަވާލާދީއެވެ.
އެ ރިޕޯޓުގައި ވައިރަސް ފެތުރުނު ގޮތް ކަމަށް ބެލެވޭ ހަތަރު ސިނާރިއޯއެއް ބަޔާންކޮށް, އެ ސިނާރިއޯތަކުގެ ތެރެއިން އެންމެ ވުން ގާތް ގޮތާއި ވުމަށްވުރެ ނުވުން ގާތް ގޮތްތަކެއް ބަޔާންކޮށް, ރޭންކު ކޮށްފައިވެއެވެ.
ޗައިނާގެ މެމްބަރުންގެ ފަރާތުން ޑަބްލިޔުއެޗްއޯގެ ޓީމަށް ދިން މައުލޫމާތާއި, ޑޭޓާތަކާއި ސާމްޕަލްތަކުގެ މައްޗަށް ރިއާޔަތްކޮށް ތައްޔާރުކުރި އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ޖަނަވާރެއްގެ ފަރާތުން ވައިރަސް ފެނި, އަދި އެ ވައިރަސް އިތުރު ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ޖެހުމުގެ ފުރުސަތު ވަރަށްވެސް ގާތެވެ. އަދި ލެބޯޓަރީ ލީކެއްގެ ސަބަބުން އެ ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ހަނިކަމަށް ބުނެފައިވެއެވެ.
ދެން އޮތް ސިނާރިއޯއަކީ ވުން ގާތް ދެ ސިނާރިއޯއެވެ. އެއީ މެދުވެރިއެއް ނެތި, ޖަނަވާރެއްގެ ފަރާތުން ސީދާ އިންސާނުންނަށް އެ ވައިރަސް ޖެހުމާއި ގަނޑުކުރި ކާނާއެއްގެ ސަބަބުން އެ ވައިރަސް ފެތުރެން ފެށުމެވެ.
ޕްރޮފެސަރު ރެލްމަން ވިދާޅުވި ގޮތުގައި, މި ރިޕޯޓު ޑަބްލިޔުއެޗްއޯއިން ނިންމި އިރު, ކޮވިޑް-19ގެ އަސްލު ހޯދަން ދިޔަ ޓީމަށް ބޭނުންވާ މައުލޫމާތުތައް ޗައިނާއިން ދީފައެއް ނުވެއެވެ.
"އަހަރެމެންނަކީ އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައި ތިބި ސައިންސްވެރިންތަކެއް. އަދި ޑަބްލިޔުއެޗްއޯގެ ޑޭޓާއަކުން މި ވައިރަސް ފެތުރުނީ ގުދުރަތީ އަސްލެއްގެ ފަރާތުންކަން ފެންނާކަށް ނެތް," ރެލްމަން ވިދާޅުވިއެވެ.
ސިޓީގައި ސޮއިކުރި ޔުނިވާސިޓީ އޮފް ކެބްރިޖުގެ ކްލިނިކަލް މައިކްރޮބަޔޮލަޖީގެ ޕްރޮފެސަރު ރަވިންޑްރަ ގުޕްތާ ވިދާޅުވީ, ކޮރާނާވައިރަސްގެ ތަހުލީލުތައް ކުރާ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި މަސައްކަތް ކުރާ ސައިންސްވެރިންގެ ފަރާތުން އެތަނުގެ ލެބް ނޯޓުތައް ހޯދައި, ރިވިއު ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ އިންސްޓިޓިއުޓުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރި ވައިރަސްތަކުގެ ލިސްޓެއްވެސް ބޭނުންވާ ކަމަށް ވިދާޅުވެފައިވެއެވެ.
ސައިންސްވެރިން މިފަދަ ޝައްކުތަކެއް އުފައްދާފައިވާ އިރު, ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭޔެސުސް ވެސް ވަނީ އެ ޖަމިއްޔާގެ ރިޕޯޓު ޝާއިއު ކުރި ދުވަހު މިފަދަ ހިޔާލުތަކެއް ފާޅުކުރައްވައިފައެވެ.
"ލެބޯޓަރީ ލީކަކުން ކޮވިޑް-19 ފެތުރުނު ކަމަށް ނުބެލެވޭ ކަމަށް ތަހުގީގީ ޓީމަށް ބުރަވެވުނު ނަމަވެސް, މި މައްސަލަ އިތުރަށް ތަހުގީގު ކުރަންޖެހޭ. އަދި އެކަމަށް ސްޕްޝަލިސްޓް ތަޖުރިބާކާރުންގެ ޓީމަކާއެކު ޗައިނާއަށް އަލުން ދިއުމަށް މިތިބީ ތައްޔާރަށް," ކޮވިޑް-19ގެ އަސްލު ހޯދުމަށް ކުރި ދިރާސާގެ ރިޕޯޓު ނެރެދެއްވަމުން ޓެޑްރޮސް ވިދާޅުވިއެވެ.
ސައިންސްވެރިން އިތުރަށް ބުނާ ގޮތުން, ގުދުރަތީ މަސްދަރަކުން އިންސާނުންނަށް ކޮވިޑު ޖެހުނުކަން ކަށަވަރު ކުރުމަށް އިތުރު އެއް ހެއްކެއް ބޭނުންވެއެވެ. އެއީ ކޮވިޑްގެ އަސްލު ފެނުނު ކަމަށް ބުނާ ޖަނަވާރުތައް ދިރާސާކުރުމެވެ.
ޔާލޭ ޔުނިވާސިޓީގެ އިމިއުނޮބަޔޮލޮޖީ އެންޑް އެޕިޑެމިއޮލޮޖީ ޕްރޮފެސަރު އަކިކޯ އިވަސަކީ ވިދާޅުވި ގޮތުގައި, ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ޗައިނާގެ 31 ޕްރޮވިންސަކުން 80,000 އަށްވުރެ ގިނަ ވަލުޖަނަވާރާއި ދަނޑުބިންތަކުގައާއި ކެއުމަށް ބޭނުންކުރާ ޖަނަވާރުތަކުން ސާމްޕަލް ނަގާފައިވެއެވެ. ނަމަވެސް އެ ސާމްޕަލްތަކުން, ވައިރަސްގެ އެންޓިބޮޑީއެއް އަދި ވައިރަސްގެ ޖެނެޓިކް މެޓީރިއަލްއެއް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ