ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން، ސްރީލަންކާގެ ބޯޑަރު 10 ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.

އަވަށްޓެރި ސްރީލަންކާގެ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސްރީލަންކާގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ، އެކަމާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

"މިގޮތުން، 21 މެއި 2021 ވަނަ ދުވަހުގެ 23:59 އަކުން ފެށިގެން 31 މެއި 2021 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް، އެގައުމަށް އެއްވެސް ފަރާތަކަށް އެތެރެ ނުވެވޭނެކަމަށް އެގައުމުގެ ސަރުކާރުން ނިންމަވައި މި މިނިސްޓްރީއަށް އަންގަވާފައިވޭ،" ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ސްރީލަންކާއިން އެހެން ގައުމުތަކަށް ދަތުރުތައް ކުރެވޭނެކަމަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން ސަމާލުވުމަށް ވަނީ މިނިސްޓްރީން އެދިފައެވެ.

ސްރީލަންކާގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، ޕޮޒިޓިވްވާ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް އެގައުމުން 148،000 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، މި ބަލީގައި 1،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.