ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެ، އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ 112 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އެންމެ ފަހުން މަރުވީ 62 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ އަކީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހެކެވެ.

މިއަދު ފުރަތަމަ މަރުވީ، ލާމު ގަމު ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މަރުވެފައިވާ އިރު، އައިޖީއެމްއެޗަށް މަރުވެގެން ގެންދިޔަ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކުވެސް މިއަދު ވަނީ މަރުވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 8:44 ގައި ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 51 އަހަރުގެ އިންޑިއާ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ހެނދުނު 8:30 ގައި 63 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށާއި އެ ފެސިލިޓީގައި ފަރުވާދެމުން އައި އިތުރު ދިވެހި ފިރިހެނަކުވެސް މިއަދު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.