ގައުމީ ފުޓްބޯޅަ ޓީމުން މިވަގުތު "ރީތި ހޮޓަލެއްގެ ތެރޭގައި" ކޭމްޕް ކޮށްގެން ތިބި ނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެތައް ޗެލެންޖްތަކެއް ކުރިމަތިވަމުންދާ ކަމަށް ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފައެވެ. ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 ދުވަހާ ހަމައަށް ކުޅޭ މެޗުތަކަށް ޗައިނާއަށް ދިޔުމަށް ގައުމީ ޓީމު އެކަހެރިވެގެން ތިބީ ހޮޓެލް ޖެންގައެވެ. ޕީސީއާރް ޓެސްޓަށްފަހު މާދަމާ ނޫނީ މާދަމާ ނޫން އަނެއް ދުވަހު ޓީމު ފުރާނެ ކަމަށް ބެލެވިފައިވާއިރު، މިއީ ކޯޗު ކޫޕްމަންއަށް އުނދަގޫ އަދި ދަތި ހާލަތަކެވެ.

"ހާލަތަކީ ރީތި ހޮޓަލެއްގެ ތެރޭގައި ކޭމްޕް ކޮށް، ފިޓްނަސް ހިފަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ހާލަތެއް. ފުޓުބޯޅަ ކުރިއަށްދާން ޖެހޭ. އެކަމަކު ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ވަރަށް އުނދަގޫ ހާލަތެއް. ވަރަށް ގިނަ ކުޅުންތެރިން އިންފެކްޓް ވެއްޖެ. ރަނގަޅު ހާލަތަކަށް ގެނެވޭތޯ އެފްއޭއެމުން ވަރަށް މަސައްކަތް އެބަކުރޭ. އެކަމަކު ފަސް ހަފްތާ ވަންދެން ދަނޑުގައި ޓްރެއިން ނުކޮށް ޗައިނާގައި 10 ދުވަހުން ތައްޔާރުވާން މި ޖެހުނީ. އަހަރެމެން ޓީމެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރަން. އެކަަމަކު މިއީ ޓީމެއްގެ ގޮތުގައި އަބަދަކު ކުރެވޭނެ ވެސް ކަމެއް ނޫން،" ޓީމާއެކު ކޭމްޕްގައި ހުރެ، ޓީމުގެ ބައެއް ފޮޓޯތަކާއެކު ކޯޗު ކޫޕްމަން އިންސްޓާގްރާމް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން އަދި ރަސްމީކޮށް މެޗެއް ނުކުޅެއެވެ. ގައުމީ ޓީމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން ފުރަތަމަ މެޗަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީ ކޮވިޑްގެ ހާލަތާ ހުރެ މެޗުތައް އެކި ފަހަރު މަތިން ފަަސްކުރުމުންނެވެ. މެޗުތައް ކުޅޭނީ ހާލަތު ރަނގަޅުވުން ކަމަށް ކުރިން ބެލެވުނު ނަމަވެސް ކޫޕްމަން ފުރަތަމަ މެޗުތަކަށް ނުކުންނައިރު މި އޮތީ ބޭނުން ވި ހާލަތެއް ނޫނެވެ. ކުޅުންތެރިންނަށް އުނދަގޫތަކެއް ދިމާ ވެ، އެކިއެކި އަމިއްލަ ސަބަބުތަކާ ހެދި ބައެއް ކުޅުންތެރިން ވަނީ ސްކޮޑުން ވަކިވެސް ވެފައެވެ.

އަމިއްލަ ސަބަަބުތަކާ ހެދި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޓީމުން ވަކިވާން ނިންމާފައިވާއިރު، އެ ކުޅުންތެރިން ބުނެފައި ވަނީ ޓީމުން ވަކި ވީ ސީޒަންގައި އެވަރަށް ނުކުޅެވި އޮވެ، އެ ކުޅުންތެރިންގެ ސަބަބުން ޖާގަ ހައްގުވާ ބައެއް ކުޅުންތެރިންނަށް ޖާގަ ގެއްލޭނެތީ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން ކޮލިފައިން ގެއްލުނީ ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށެވެ.

ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ކޭމްޕްގައި ހުރެފައި، އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު އައިސޮލޭޝަންއަށް ދާން ޖެހިފައިވާއިރު، އިއްޔެރޭ އޭނާ "ވަން"އަށް ބުނެފައި ވަނީ ކޮވިޑް ޓެސްޓް ނެގެޓިވް ކަމަށެވެ. އެހެންކަމުން ދަގަނޑޭ ވަނީ އަނބުރާ ކޭމްޕާ ގުޅިފައެވެ.

"ވަރަށް ގިނަ ކުޅުންތެރިން ވެސް ޓީމުން ވަކިވެއްޖެ. އަހަރެމެން ޓީމުގެ ސްޓާފުން މި އަންނަނީ ކެނޑިނޭޅި މި ކަމަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން،" ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމަށް އަލަށް ގެނެސްފައިވާ ނެދަލެންޑްސްގެ ފިޓްނަސް ކޯޗު ގާހާޑް ވާމިންކާއެކު ކުޅުންތެރިން ޖެންގައި ފިޒިކަލް ތަމްރީނުތައް ހަދާ މަންޒަރު ކޯޗު ކޫޕްމަންގެ ޕޯސްޓްތަކުން ފެނިފައިވާއިރު، ޓީމު ފުރާނެ ކަމަށް ބެލެވެނީ ދެ ދުވަހެއް ތެރޭގައެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޯޗު ކޫޕްމަން ބުނެފައި ވަނީ ޓީމުގެ ކަންކަން އެންމެ ރަނގަޅަކަށް ފުރިހަމަ ކޮށްދިނުމަށް އެފްއޭއެމްއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަވެގެންދާ ކަމަށާއި، އުންމީދަކީ ނަތީޖާ ނެރުން ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.