ޓެކްސީތައް ޕާކް ކުރުމަށް ދޫކުރާ ސްލޮޓުތަކުން ނަގާ ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ފީ ނަގައިގެން ޕާކް ކުރުމަށް ދޫކޮށްފައިވާ ޒޯންތަކުގައި މާ ބޮޑު އިންތިޒާމުތަކެއް ހަމަޖައްސައިދެވިފައި ނުވާ ކަމަށެވެ.

މަގުތައް އޮންނަ ހާލަތުންނާއި މަގުތައް ބަންދު ކުރުމުން އެންމެ ބޮޑަށް ގެއްލުންވާ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުން ކަމަށާއި އެ ހުރިހާ ކަމެއްގެ އިތުރުން ޕާކު ކުރަން 3000 ރުފިޔާ ދައްކަން ޖެހުމަކީ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ގެއްލުމެއް ވެގެންދާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިކަމަކީ ވަރަށް ބޮޑަށް ހައްލެއް ގެންނަން ބޭނުންވެފައި އޮތް ކަމެއް ކަމަށާއި މިކަމާ ގުޅިގެން ލިބިފައިވާ މައުލޫމާތާއި ހުރިހާ ކަމަކަށް ބަލައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނެގިގެންދަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެ އަގަކީ މި ހުރީހާ ކަމަކަށް ރިއާޔަތްކޮށް، އެފޯޑަބަލް ނުވަތަ އަދާކުރެވޭ ފީއަކަށް ހަދަން އެބަ ޖެހޭ. އެހެންވެ މިއަދު ކައުންސިލްގައި މަޝްވަރާ ކޮށްފައި އިއްތިފާގުން ނިންމީ މި 3000 ރުފިޔާގެ ކުލި، 750 ރުފިޔާއަށް ކުޑަކުރަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާކިން ފީ ކުޑަކުރުމުގެ ސަބަބުން ސީދާ ފައިދާ ވާނީ ރައްޔިތުންނަށް ކަމަށާއި އެއީ ޓެކްސީތަކަށް ލިބޭ ގެއްލުން ކުޑަވެގެންދާނެތީ ކަަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޕާކް ކުރުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި މި މައްސަލަ ހައްލުކުރުމަށްޓަކައި މުސްތަގުބަލުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ފްލޯތަކެއް ހިމެނޭ ގޮތަށް މިކްސްޑް ޔޫސް އިމާރާތްތައް އަޅާނެ ކަމަށެވެ. ނަމަވެސް އެކަމަށް ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.