ކޮވިޑަށް ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ސިއްހީ ހިދުމަތްތެރީންނަށް ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި މަސައްކަތްކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޕޮޒިޓިވް މީހަކާ ދިމާވެފައިވާ ސިއްހީ ހިދުމަތްތެރީންނަށް ވަޒީފާއަށް ނުކުތުމަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު އޮތް ގޮތުން އަމިއްލައަށް ހިދުމަތަށް ނުކުންނަން ބޭނުންވާ ހިދުމަތްތެރީންނަށް ކޮވިޑުގެ ބަލި މީހުންނަށް ފަރުވާކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
"އެގޮތުން އެ ބޭފުޅުންނަށް ޕޮޒިޓިވް ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އުޅުމަށް ހުރަހެއް ނެތްކަމަށް މިއޮތީ. އެއީ އެކަމުގައި އެންމެ ރަނގަޅު ގޮތްވެސްމެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ސިއްހީ ހިދުމަތްތެރީންގެ ތެރެއިންވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން، ވަޒީފާއަށް ނުނިކުންނާނެ ކަމަށެވެ. އެއީ ސިއްހީ ހިދުމަތްތެރީންނަކީ ބަލި މީހުންނާ ގާތުގައި އުޅޭ ބަޔަކަށްވެފައި އެމީހުންނަކީ ނަފްސާނީ ގޮތުންވެސް ދުޅަހެޔޮކޮށް ތިބެން ޖެހޭ ބަޔަކަށް ވާތީއެވެ.
ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ އިރު، ސިއްހީ ހިދުމަތްތެރީންގެ ދަތިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްއީއޯސީން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި މިވަގުތު ތިބީ 804 ޑޮކްޓަރުންނާއި 2،279 ނަރުހުންނެވެ. އޭގެ ތެރެއިން 55 އިންސައްތަ ހާއްސަކުރަން ނިންމާފައިވަނީ ސީދާ ކޮވިޑުގެ އޮޕަރޭޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު