ރާއްޖޭގެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމާއެކު ޗައިނާއަށް ދާނެކަން އެނގޭނީ މާދަމާ ޓީމުގެ ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިން ހަދާ ޕީސީއާރް ޓެސްޓްގެ ނަތީޖާ ދައްކާ ގޮތަކުން ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ގައުމީ ޓީމާއެކު ކޮލިފައިން މެޗުތަކަށް ދާން ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕް ކުރި ނަމަވެސް، އޭނާ ކޭމްޕް ދޫކޮށް ދިޔައީ އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ދަގަނޑޭ ކޭމްޕް ދޫކޮށް އައިސޮލޭޝަން އަށް ގޮސްފައިވާކަން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

ބައްސާމް ވިދާޅުވެފައިވަނީ ޓެސްޓް ނެގެޓިވް ވުމާއެކު ދަގަނޑޭ އަލުން ޓީމާ ގުޅޭނެ ކަމަށެވެ. ގައުމީ ޓީމުން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިން މާދަމާ ޕީސީއާރް ޓެސްޓް ހަދާއިރު، ޓީމު ފުރާނެ ކަމަށް ބެލެވެނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހުގައެވެ. ކުރިން ބުދަ ދުވަހު ފުރާ ގޮތަށް އޮތް ނަމަވެސް ދަތުރުފަތުރަށް އައި ބަދަލަކާއެކު ޓީމުގެ ފުރުން ވަނީ ލަސްވެފައެވެ.

އޭޝިއަން ކަޕްގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބާކީ އޮތް މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާއިރު، މެޗުތައް ޗައިނާގައި އޮންނާނީ މިމަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހާ ހަމައަށެވެ.

ޓީމުގެ ކަންކަން ކުރިއަށް ގެންދަން ދަތިތައް ހުރުމާއެކު ކޯޗު މާޓިން ކޫޕްމަން ވަނީ އެކަމުގެ ކަންބޮޑުވުންތައްވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. ކޫޕްމަން އިންޓާގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކޮވިޑްގެ ހާލަތަކީ ކުޅުންތެރިންނަށް އުނދަގޫ ހާލަތެއް ކަމަށާއި، ފިޓްނަސް ރަނގަޅުކޮށް، ޓީމުގެ ކަންކަން އެންމެ ރަނގަޅަށް މިހާލަތުގައި ނުގެންދެވޭތީ ކަންބޮޑުވާ ކަމަށެވެ. އެހެންނަމަވެސް އުނދަގޫ ހާލަތުގައި އެފްއޭއެމްއިން އިންތިޒާމްތައް ރަނގަޅު ކުރުމަށް ކުރާ ބުރަ މަސައްކަތްވެސް ކޫޕްމަން ވަނީ ފާހަގަކޮށްފައެވެ.