ރާއްޖޭގައި ހޯސްޓް ކުރަން އޮތް އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ކުއްލިއަކަށް ފަސްކުރުމުން އޭއެފްސީގެ ނުރުހުން އަމާޒު ވި ކަމަށާއި، އެކަމަށް އޭއެފްސީން އެފްއޭއެމްއަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕް މެޗުތައް ހޯސްޓް ކުރުމަށް ރާއްޖެއިން ބިޑް ކާމިޔާބު ކޮށްފައި އޮތްއިރު، ރާއްޖޭގައި މިމަހު 14 އިން 21 އަށް ހޯސްޓް ކުރަން އޮތް އޭއެފްސީ ކަޕް މެޗުތައް މިވަގުތު ނުބޭއްވޭނެ ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ނިންމުން ސަރުކާރުން ނިންމީ ރާއްޖޭގެ ކޮވިޑް ހާލަތު އިންތިހާއަށް ގޯސް ވެ، އާންމުން ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ވުމާއެކުގައެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައަކާއެކު ފުރަތަމަ މުބާރާތް ބާއްވަން އުޅުނު ނަމަވެސް ކޮލިފިކޭޝަން މެޗަށް ރާއްޖެއައި ބެންގަލޫރު އެފްސީ ކޮވިޑް 19ގެ އުސޫލުތައް މުގުރާލުމާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި މި ހާލަތުގައި ގްރޫޕް ސްޓޭޖު މެޗުތަކަށްވެސް ހުއްދަ ނުދެއްވޭނެ ކަމަށް އަންގަވައިފައެވެ.

އެ ނިންމުމާ ގުޅިގެން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކޮވިޑްގެ ކޭސް މައްޗަށް ދިއުމާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ އެއްކޮށް ކުރިން މަޝްވަރާ ކުރީ ހާއްސަ ފިޔަވަޅުތަކަކާއެކު ގްރޫޕް ސްޓޭޖަށް ފުރުސަތު ދޭން ކަމަށާއި، އެގޮތަށް މަޝްވަރާ ކުރީ ބޭރުގެ ތިން ޓީމެއް ބައިވެރިވާ މެޗުތަކަކަށް މެޗުތައް ވުމާއި، ގްރޫޕް ސްޓޭޖު ބޭއްވުމަށްޓަކައި ވަރަށް ގިނަ ރެފްރީންނާއި އޮފިޝަލުން އަދި އޭއެފްސީގެ ކޮންޓިންޖެންޓެއް ރާއްޖެ އަންނަން ތަންތަނުން ޓްރާސިޓްގައި ދަތުރުތައް ފަށާފައި އޮތުމުން ކަމަށެވެ. އޭގެ އިތުރުން ބޭރުގެ ޓީމުތައް ރާއްޖޭގެ ހޮޓާތަކުން ބުކިން ހެދުމާއި އެއާލައިންގެ ޓިކެޓް ނެގުމާ މިހުރިހާ ކަމެއް ނިމިފައި އޮތްކަން ވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

ބައްސާމްގެ ވާހަކައިގައި ފާހަގަ ކުރެއްވީ ކްލަބުތަކާއި އޮފިޝަލުންނަށް ލިބުނު ގެއްލުމާއެކު އޭއެފްސީން ފިޔަވަޅު އަޅާނެ ކަމަށާއި، އެކަން ކުރަން އޭއެފްސީގެ ވިސްނުން ހުރީ ގްރޫޕް ސްޓޭޖު ބާއްވާނެ ވަކިތަނެއް ކަނޑައެޅުމަށްފަހުގައި ކަމަށެވެ.

"ގްރޫޕް ސްޓޭޖު ކުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔައީ. އެއީ އެކްލަބްތަކުން އަމިއްލަ ހަރަދުގައިކަންތައް މި ކުރަނީ. އޭއެފްސީގެ ނުރުހުން ވެސް ފާޅުކުރި ވަރަށް ބޮޑަށް. ކުރިއަށް އޮތްތާގައި އެފްއޭއާ މެދުގައި ކޮންމެވެސް ކަހަލަ ޑިސިޕްލިނަރީ ފިޔަވަޅެއް އެޅިގެންދާނެ. މި މަޑުކުރަނީ ގްރޫޕް ސްޓޭޖު ބޭއްވޭނީ ކޮންތާކުތޯ ކޮން ވަގުތެއްގައި ތޯ ބެލުން. އެއާ އެކީގައި އަޅުގަނޑުމެންނަށް އަންނާނީ ކޮން ކަހަލަ އަދަބެއްތޯ ބެލުން،" ބައްސާމް ވިދާޅުވިއެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ކުޅޭ ރާއްޖޭގެ މާޒިޔާއިންވެސް ކޭމްޕް ކޮށްފައިވާއިރު، އޭގެ ކުރިން އޮތް ކޮލިފިކޭޝަން މެޗަށް ކްލަބު އީގަލްސްވެސް ވަނީ ކޭމްޕްކޮށް، ތައްޔާރު ވެފައެވެ. އެހެންނަމަވެސް ބެންގަލޫރު އެފްސީގެ މައްސަލަ ހޫނުވެ އީގަލްސްއަށް މެޗު ކުޅެވޭ ގޮތެއް ނުވިއެވެ. އެ މެޗާމެދުވެސް އޭއެފްސީން އަދި ވަކި އެއްޗެއް ނިންމާފައެއް ނުވެއެވެ.

"އަޅުގަނޑުގެ ވިސްނުމުގައި ހުރީ ޖޫރިމަނާއެއް ހެން އަންނާނީ. ކްލަބްތަކަށް މިވީ ގެއްލުންތަކަށް ފޫބައްދަން އަޅުގަނޑުމެން ޕަނިޝްކުރާނީ. ކޮށްގެން އެފްއޭ އިން ފީއެއްގެ ގޮތުގައި ނޫނިއްޔާ އަދަދެއްގެ ގޮތުގައި މި ނަގާ އެއްޗެއް މި ކްލަބްތަކަށް ދެވިގެންދާނީ. ހިތާމަ ހުރި ކަމަކަށް ވާނެ ދިގު މުއްދަތަކަށް ހޯސްޓްކުރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ. މިއީ ހާއްސަ ހާލަތެއް ދުނިޔޭގައި ވެސް ދިމާވެގެން އުޅޭ. މީގެ ކޮންމެ ވެސް ވަރެއްގެ ލުއިތަކެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަމަކު ޑިސިޕްލިނަރީ ކޮމިޓީން ނިންމާނީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އަދަބު ދީފި ނަމަ ސަރުކާރުން އެފްއޭއެމްއަށް އެހީތެރިވާނެ ކަމަށް ބެލެވޭ ކަމަށާއި، ބެންގަލޫރު އެފްސީން އުސޫލާ ހިލާފި މައްސަލައަކީވެސް ރާއްޖެއަށް އަދަބު ކުޑަވާނެ ކަމެއް ކަމަށެވެ. އެގޮތުން ބެންގަލޫރު އެފްސީ ކުޅުންތެރިން ޕްރޮޓޮކޯލްއާ ހިލާފުވި ހިލާފުވުމާއެކު ސަރުކާރުން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ހޯސްޓް ނުކުރަން ނިންމި ހިސާބުން ބެންގަލޫރަށް އޭއެފްސީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.