ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެންމެ ދެކެން ބޭނުންވާނޭ ދުވަހަކީ އެ މީހެއްގެ އުނގު ފަޅުފިލުވައިދޭނޭ ލޯބި ލޯބި ދަރިފުޅެއް ލިބޭނެ ދުވަހެވެ. އެކި މީހުންނަށް މިންވަރު ކުރައްވަނީ އެކި ގޮތަށެވެ. ބައެއްފަހަރު ދަރިޔަކު ލިބޭތޯ އެތައް ދުވަހަކު އިންތިޒާރު ކުރަން ޖެހެ އެވެ. އަނެއްބައިފަހަރު މާބަނޑުވުމުގެ ނަސީބު ލިބުނު ކަމުގައިވީ ނަމަވެސް ދަރިފުޅު އުރައިލުމުގެ ނަސީބު ނުލިބި ދެއެވެ. މިއީ ދުނިޔެ އެވެ. އެވެސް އިމްތިހާނެކެވެ.
ކޮންމެއަކަސް މުޅި ދުނިޔޭގައިވެސް އަދި މުޅި ރާއްޖޭގައިވެސް މިފަދަ އެތައް އަންހެނުންނެއް އެބަތިއްބެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު މާބަނޑު މީހުންނަށް ނުރައްކާ އޮތް މިންވަރު ސިއްހީ އެހީތެރިން އަންނަނީ އަބަދުމެ ކިޔައިދެމުންނެވެ. އިންޒާރު ދެމުންނެވެ. މާބަނޑު މީހުންނަށް އަދި މިހާތަނަށް މިބަލިން ރައްކާތެރިވުމަށް ވެކްސިނެއް ވެސް ދީފައެއް ނުވެ އެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅެއް އެޅުމަށް މެދުނުކެނޑި ސިއްހީ މާހިރުން ގެންދިޔައީ އައީ ލަފާދެމުންނެވެ. އެހެން ނަމަވެސް ގުދުރަތީ އިމްތިހާނަކީ އިންސާނަކަށް އެއަށް ބާރު ފޯރުވޭނެ އެއްޗެއް ނޫނެވެ.
މިހާރުވެސް ކޮވިޑު ޖެހިގެން ގިނަ އަދަދެއްގެ މާބަނޑު މީހުންނަށް ފަރުވާ ދެމުން އަންނައިރު އެކެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އެކެއްގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ބަނޑަށް ހަ މަހުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވާއިރު ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
ދާދި ފަހުން ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި ވެސް އޮތީ ކޮވިޑު ޖެހުނު މާބަނޑު މީހެއްގެ ވާހަކަ އެވެ. އެ މާބަނޑު މީހާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނު އިރު ބަނޑުގައިވާ ދަރިފުޅު އޮތީ މަރުވެފަ އެވެ. މިއީ ލ. މާމެންދުއަށް އުފަން އާބިދާ އަބްދުއްސަމަދުގެ ވާހަކަ އެވެ.
އާބިދާގެ ފިރިމީހާ އަބްދުލް މުހައިމިން "ވަން" އަށް މައުލޫމާތު ދެމުން ބުނީ އާބިދާ އާ ކައިވެނި ކޮށްގެން އުޅޭތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. މީގެ ކުރިންވެސް އާބިދާ ކައިވެންޏެއް ކުރި ކަމަށާއި އެ ކައިވެނީގައި ދެ ފަހަރެއްގެ މަތީން ބަލިވެ އިން ކަމަށެވެ. އަދި މިކައިވެނީގައިވެސް ބަނޑު ބޮޑުވި މިއީ ދެވަނަ ފަހަރު ކަމަށް އޭނާ ބުންޏެވެ.
މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާމެންދޫގައި މިވަގުތު ކަރަންޓީނުގައި ހުރި އާބިދާ ހަތަރު ފަހަރަށް ބަނޑުބޮޑުވި ނަމަވެސް ކޮންމެ ފަހަރަކު ދަރިފުޅު ބައިގެން ދަނީ ކަމަށް މުހައިމިން ބުންޏެވެ.
"އާބިދާ އަކީ އެ ރަށް ކައިރީގައި އޮންނަ ރިސޯޓެއްގަ މަސައްކަތް ކުރި މީހެއް. އަހަންނާ އިން ފަހުން ފުރަތަމަ ބަނޑު ބޮޑުވި އިރުވެސް ރިސޯޓުގަ މަސައްކަތް ކުރީ. އޭރު ބަނޑު ބޮޑުކަން ނޭނގި ހުއްޓާ ދަރިފުޅު ބައިގެން ދިޔައީ. އޭގެ ފަހުން ލަންކާ އަށް ގޮސް ޑޮކްޓަރަށްވެސް ދެއްކިން އެހެން ވާތީ. ދެން ޑޮކްޓަރުން ބުނަނީ އާބިދާގެ ހަށިގަނޑުން ދަރިފުޅަށް ބޭނުންވާ ވަރަށް ލޭ ފޯރުކޮށް ނުދޭތީ ވާ ގޮތެކޭ. ދެން މިފަހަރު ބަނޑުވީއްސުރެ އެއްވެސް މަސައްކަތެއް ނުކުރޭ. އަބަދު ބެޑް ރެސްޓްގަ އަނެއްހެން އުޅެނީ. ހަމަ އެކަނި ސިއްހީ މަރުކަޒަށް ދާނީވެސް. އިތުރު ރަށަކަށްވެސް ނުދޭ. ދެން ނޭނގެ ކޮވިޑު ޖެހުނީ ކިހިނެއް ކަމެއް ބުނާކަށް ވެސް." އޭނާ ބުންޏެވެ.
މުހައިމިން ބުނީ އާބިދާގެ ހާލު މިވަގު ރަނގަޅު ކަމަށެވެ. ނަމަވެސް ބަނޑަށް ހަ މަސް ފުރުނުތަނާހެން މިފަދަ ކަމެއް ދިމާވުމުން ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރި ނަމަވެސް ވަރަށް ހިތްވަރު ގަދަ ކަމަށެވެ.
އާބިދާ ކަރަންޓީނު ވުމަށް ރަށަށް ބަދަލު ކޮށްފައިވާއިރު މުހައިމިންވެސް ލޯބިވަ އަނބިމިހާ ގާތަށް ދާން ކިތަންމެހައިވެސް ބޭނުމެވެ. ނަމަވެސް މިވަގުތު ހާލަތު ހުރި ގޮތުން އާބިދާއާ އެކު އެގޭގެ އެހެން މިހުންވެސް ޕޮޒިޓިވް ވެފައިވާތީ އަމިއްލަ ރައްކާތެރިކަމަށް އޭނާ މިވަގުތު ރަށަށް ނުދިއުމަށް އާބިދާ ވަނީ އެދިފަ އެވެ.
"މިވަގުތަކީ އަޅުގަނޑުގެ އަންހެނުންނަށް އަޅުގަނޑުގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު. ކޮންމެ ގޮތެއްވިޔަސް މެންޓަލީ ވަރަށް ވީކްވާނެ ދޯ މިހެންވީމަ. ގުދުރަތީ ކަންކަމެއް އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ. އެކަމަކު ވަރަށް ބޭނުން އަނބިމީހާ އަށް ހިތްވަރުދީ އެހީތެރިވާން އޭނަ ގާތަށް ދާން. އަޅުގަނޑު ވަރަށް ދާން ބޭނުން. އެކަމަކު އެގޭގަވެސް މީހުންތަކެއް މިހާރު ބަލިވެފަ ޕޮޒިޓިވް ވެފަ ތިބީމަ މަޑުކޯށްލީ ދޯނީގަ. އަންހެނުންގެވެސް އެދުމުގެ މަތީން." އަސަރާއެކު އޭނާ ބުންޏެވެ.
އާބިދާ އަށް ބަލި ޖެހުނު ގޮތް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.
މާމެންދޫން "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އާބިދާ އަކީ ކުޑައިރުއްސުރެވެސް ވަރަށް ބަލިކޮށް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާއަށް ޖެހިފައި ހުރީ ކޮން ބައްޔެއްކަން ސީދާ ނޭނގޭ ކަމަށެވެ. މިވަގުތު އާބިދާގެ ހާލު ރަނގަޅު ނަމަވެސް ނަފްސާނީ ގޮތުން އޭނާއަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ކޮވިޑު ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ނުރައްކާ ވެދާނެ ކަމަށެވެ. އެގޮތުން ބައިގެން ދިޔުމާއި ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ދިމާވެދާނެ ކަމަށެވެ. އެހެން ކަމުން މާބަނޑު މީހުން މިބަލިން ރައްކާތެރިކުރުމަށް އާއިލާގެ އެންމެންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށެވެ. އަދި މާބަނޑު މީހެއްގެ ފަރާތުން މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް