މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރަމުން ދަނިކޮށް، މަޖިލިސް ޖަލްސާ ލައިވް ކުރަމުންދިޔަ ލައިވްސްޓްރީމްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް މީހަކު ގޮވައިލި މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، އީވާ މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި މީހުންގެ ލޭ ހުއްދަކުރަން ގޮވާލާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި މައްސަލައިގެ ބަހުސްގެ ތެރެއިންނެވެ.

މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ބޭއްވި ބަހުސް، ޓީވީ ޗެނަލަކުން ލައިވް ކުރަމުން ދަނިކޮށް އެ ލައިވް ސްޓްރީމްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް މީހަކު ގޮވާލާފައިވާ ކަމަށެވެ.

މީކާއީލް ވިދާޅުވީ އެފަދަ ފަރާތްތަކަށް ކަމާބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މީކާއީލްގެ އެ ވާހަކައާ ގުޅިގެން އީވާ ވިދާޅުވީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ބަހުސަށްފަހު، އެކަމާބެހޭ އިންކުއަރީއެއް ހަދަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއީ މަޖިލީހުން މިފަދަ އިންކުއަރީއެއް ހަދާ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި އެ އިގުރާރު ހުށަހެޅުއްވީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.