އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ޕްރިމިއާ ލީގުގެ އެންމެ މޮޅު އެއް ފޯވަޑް ހެރީ ކޭން، ޓޮޓެންހަމް ދޫކޮށްލަން އެދިފައިވާ ކަމަށް އިތުބާރުހުރި ނޫސްތަކުން ބުނެފިއެވެ.
ޓޮޓެންހަމްގެ ޔޫތު ސިސްޓަމްގެ ތެރެއިން 2009 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ކޭން، މިހާތަނަށް ޓޮޓެންހަމްއާއެކު ވަނީ 12 ސީޒަން ހޭދަކޮށްފައެވެ. ކްލަބާއެކު ކާމިޔާބީތަކަކާ ހަމައަށް ނުދެވި އޮތް ނަމަވެސް، އެ ކްލަބުގައި ދައްކަމުންދާ ކުޅުމާއެކު މިހާރު ވެފައި ވަނީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ފޯވަޑަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓުވެސް ހޯދި ކޭން، ޓޮޓެންހަމް ދޫކޮށް ބޮޑު، ކާމިޔާބު ތާރީހެއް އޮތް ކްލަބަކަށް ދާން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެމުން ގޮސްފައިވާއިރު، މީގެ ދުވަސް ކޮޅެއް ކުރިންވެސް ކޭން ވަނީ ކްލަބު ދޫކޮށްލުމުގެ އިޝާރާތެއް ކޮށްފައެވެ.
ސީޒަން ނިމެން ދެ މެޗަށް ވެފައި ވަނިކޮށް ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް ވެރިން ގާތު ބުނެފައިވާ ކަމަށް ސްކައި ސްޕޯޓްސްއިންވެސް ވަނީ ޔަގީން ކޮށްދީފައެވެ. ބައެއް ނޫސްތަކުން ބުނެފައި ވަނީ ޓޮޓެންހަމްއިން ކޭން ދޫކޮށްލަން ގަސްދުކުރަނީ ބޮޑު އަގުގައި ކަމަށެވެ. އެގޮތުން ޓެލެގްރާފުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޭންއަށް 128 މިލިއަން ޕައުންޑްގެ އަގެއް ޓޮޓެންހަމްއިން ކިޔާނެ ކަމަށް ވެއެވެ.
އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު 243 މެޗުން 165 ގޯލް ޖަހާ، ލީގުގައި ފެންވަރު ސާބިތު ކޮށްދީފައިވާ ކޭން ހޯދުމަށް އިނގިރޭސި ބޮޑެތި ކްލަބުތަކުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައެވެ. ރޭހުގެ އެންމެ ކުރީގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ފައިސާގެ ގޮތުން ވަރުގަދަ ކްލަބުތައް ހަރަކާތްތެރިވަމުންދާއިރު، ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ކޭންއަށް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު