Close
ޚަބަރު

ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުން ފަސްކުރަން އަމުރުކޮށްފި

ތ. ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުން ފަސްކުރަން އަމުރުކޮށްފިއެވެ.

ހައިކޯޓުން އިއްޔެ އަމުރު ނެރެފައިވަނީ ކަނޑޫދޫ ކައުންސިލަށް ވާދަކުރި ޕީޕީއެމްގެ މެންބަރު މުހައްމަދު އާދަމާއި އަންހެން ގޮނޑިއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް ސިފްނާ އަބްދުﷲ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ދެ ކެންޑިޑޭޓުންނަށް ވަނީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މިދިޔަ މަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން ނުވަތަ ހައިކޯޓުން ވަކި ގޮތެއް އަންގަންދެން ގާނޫނީ ހުވާކުރުން ފަސްކުރުމަށް އަންގައި އަމުރު ކުރާ ކަމަށެވެ.

އެ އަމުރު ރައްދު ވަނީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އަދި ކައުންސިލްތަކުގެ ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.

އިންތިހާބުގައި ކަނޑޫދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު އޭނާގެ ކެންޑިޑަސީ ބާތިލުވުމުން، ވޯޓަކާ ނުލައި ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާނެވެ.

ކަނޑޫދޫ ކައުންސިލް މެންބަރުކަމަށް ހޮވިފައިވަނީ 244 ވޯޓު ހޯދި އެމްޑީޕީ ކެންޑިޑޭޓް އިލްޔާސް މަހުމޫދާއި 211 ވޯޓު ހޯދި އެމްޑީޕީ ކެންޑިޑޭޓް ނައުޝާދު އަބްދުﷲ އެވެ. ކައުންސިލް މެންބަރުކަމަށް ދެން ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު އާދަމް (ކުޑޭ)އަށް 204 ވޯޓު ލިބުނު އިރު، ޕީޕީއެމް ކެންޑިޑޭޓް އާދަމް ފާއިޒް ހުސައިނަށް ލިބުނީ 180 ވޯޓެވެ.

އެ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ހޮވިފައިވަނީ 220 ވޯޓު ހޯދި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ރަސްމާ އާއި 204 ވޯޓު ހޯދި އެމްޑީޕީ ކެންޑިޑޭޓް ފަރީސާ އަބޫބަކުރެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް ޔަސްފާ ހުސައިނަށް 199 ވޯޓު ލިބުނު އިރު، ޕީޕީއެމް ކެންޑިޑޭޓް ސިފްނާ އަބްދުﷲ އަށް ލިބުނީ 198 ވޯޓެވެ.