ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން، ބާލިންގެ ހޮސްޕިޓަލެއްގައި ހިންގަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އިތުރު ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11:00ގައެވެ. އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެމަނިކުފާނު ގެންދިއުމަށް ހާއްސަކޮށްފައި އޮތް ޕްރައިވެޓް ޖެޓެއްގައެވެ. އެމަނިކުފާނު ފަރުވާ ހޯދަމުން އަންނަނީ ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
އެ ހޮސްޕިޓަލް ތެރޭގައި ރައީސް ނަޝީދު ހިންގަވާފައި އުޅުއްވާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯގައި ފެނިގެންދަނީ ރައީސް ނަޝީދު ހޮސްޕިޓަލުގެ ސިޑިން ފައިބާ މަންޒަރެވެ. ފެނިގެންދަނީ ސިޓީގެ އެއް ފަރާތުގައި އަތް އަޅުވައިގެން ވަރަށް އުނދަގުލުން، ނަމަވެސް ވަރަށް މަޑުމަޑުން ފައިބަމުންދާ މަންޒަރެވެ.
ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ)ވެސް ހުއްޓެވެ.
މި ވީޑިއޯގެ އިތުރުން އީވާ މިއަދު ވަނީ ރައީސް ނަޝީދާއި ސާބެ، އެ ހޮސްޕިޓަލް ތެރޭގައި މަޑުކޮށްލައިގެން ތިބި ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އެ ފޮޓޯއަށް އެންމެންގެ ސަމާލުކަން ދަމައިގަތީ ރައީސް ނަޝީދުގެ ބޯ ބާލާފައި ހުރުމުންނެވެ.
ގިނަ ބަޔަކު ވަނީ ރައީސް ނަޝީދުގެ "ނިއު ލުކް" އަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އެމަނިކުފާނު ބޯބާލާފައި ހުރުމުން ވަރަށް ގުޅޭ ކަމަށް ބުނެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު