މި ސީޒަން ނިމުމާއެކު ޒައިނުއްދީން ޒިދާން، ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށް ދާން ބޭނުންވާ ވާހަކަ ކުޅުންތެރިންނާ ހިއްސާ ކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ގޯލް ޑޮޓް ކޮމް އިން ބުނީ ރެއާލްއިން އެންމެފަހުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޒިދާން ވަނީ ހުރިހާ ކުޅުންތެރިން ގާތު އޭނާ ކްލަބު ދޫކޮށްލަން ގަސްދުކޮށްފައިވާ ކަމަށް ބުނެފަ އެވެ. މީގެ ކުރިންވެސް ރެއާލްއަށް ކޯޗު ކޮށްދީ، ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްފަހު ޒިދާން ވަނީ މަގާމުން އެއްފަރާތް ވެލައިފައެވެ. އޭނާ އަލުން މިފަހަރު ކުލަބާ ހަވާލުވީ 2018-19 ވަނަ އަހަރުގެ ސީޒަން ފަހު ކޮޅުގައެވެ.
ރެއާލްއިން މިދިޔަ ސީޒަންގެ ލަލީލާ ޒިދާންއާއެކު ކާމިޔާބު ކޮށްފައިވާއިރު، އެޓީމަށް މި ސީޒަންގެ ލީގު ހޯދުމަށްވެސް އަދި ފުރުސަތު އެބައޮތެވެ. ލީގުގައި ބާކީ ދެ މެޗު ދެން އޮތްއިރު، މިމަހު 23 ވަނަ ދުވަހު ވިލަރެއާލްއާ ދެކޮޅަށް ރެއާލްއިން ކުޅޭ މެޗަށްފަހު ޒިދާން ރަސްމީކޮށް ކްލަބު ދޫކޮށްލާކަން އިއުލާން ކުރާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ހަބަރުތައް ބުނެފައި ވަނީ ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލަން ބޭނުން ވަނީ ސިކުނޑި ހަމަޖައްސާލައި ވަރުބަލިކަން ފިލުވާލަން ދުވަސްކޮޅެއް ބޭނުންވާތީ ކަމަށެވެ.
އޭގެ އިތުރުން ދެން ޒިދާނަށް އޮތް ފުރުސަތަކީ ޔުވެންޓަސްގެ ކޯޗުކަން ކަމަށްވެސް ބައެއް ރިޕޯޓްތަކުން ބުނެފައިވެއެވެ. އަންދްރޭ ޕިރްލޯއާއެކު ޔުވެންޓަސްއިން ނާކާމިޔާބު ސީޒަނެއް ނިންމާލާފައިވާއިރު، ގިނަ ބަޔަކު ބުނަނީ ޔުވެންޓަސްއިން ޒިދާން ގެންދަން ބޭނުންވާ ކަމަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ޒިދާން ހޭދަކޮށްފައިވާއިރު، ޖުވެންޓަސްއިން މިހާތަނަށް ރަސްމީކޮށް ބުނެފައި ވަނީ ކޯޗު ބަދަލުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ޒިދާންއަކީ ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. މިދިޔަ އަހަރުގެ ލީގުވެސް ޒިދާން ހޯދާފައިވާއިރު، ޒިދާންގެ ކޯޗުކަމުގައި ރެއާލްއިން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ޗެމްޕިއަންސް ލީގުގެ ތިން ތަށްޓަށްފަހު ޒިދާން ކޯޗުކަމުން ދުރަށް ގޮސްފައިވާއިރު، އެ ކްލަބުން މި ސީޒަންގެ ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލްގައި ޗެލްސީ އަތުން ބަލިވެގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު