އެންމެ ތުއްތު އިރުއްސުރެވެސް އުޅޭން ޖެހުނީ ބޮޑު ވޭނެއްގައެވެ. ހިނގައިގަނެވުނީ އެ އުމުރުގެ ކުދީން ހިނގައިގަންނަ ވަރަށްވުރެ މާ ފަހުންނެވެ. އެއް އުމުރެއްގެ ކުދީން ދުވެ، ކުޅެ ހަދާ މަންޒަރު ފެނުނަސް ހުންނާން ޖެހުނީ ބާކީ ވެފަ އެވެ. ދުއްވައިގަންނަން ބޭނުންވިޔަސް ދުއްވައެއް ނުގަނެވެ އެވެ. މާ އަވަހަށް ވަރުބަލިވަނީ އެވެ. އުމުރުން 15 އަހަރު ވަންދެން މިފަދަ ހާލެއްގަ އެވެ. ޖެހިފައިވާ ބަލި ދެނެއެއް ނުގަނެވެއެވެ.
ތައުލީމު ހާސިލުކުރަން ސްކޫލަށް ދިއުމުން ބުލީގެ ޝިކާރައަކަށްވި އެވެ. ހިތްވަރެއް ދުލެއް ނުކުރި އެވެ. މަދަރުސީ ހަޔާތުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ހިތްވަރާއެކު ނިންމާލި އެވެ. މިއީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އާމިނަތު އަސްރާގެ ވާހަކަ އެވެ.
އަސްރާގެ ވާހަކަތައް ސޯޝަލް މީޑިއާއިން ފެންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އެކަމަކު ހަގީގަތުގައި އަސްރާ އުޅެމުން އަންނަ ވޭނީ ހިތްދަތި ހާލު އިހުސާސްވެސް ނުކުރެވެ އެވެ. އަސްރާ ވަނީ އޭނާގެ ހަޔާތުގެ ކޮންމެ ދުވަހެއްވެސް ހޭދަކުރަމުން އަންނަ ހިތްދަތި ހާލު ކިޔައިދީފަ އެވެ. ޓީވީއެމް އިން ގެނެސްދިން "އިހުސާސް" ޕްރޮގްރާމްގައި އަސްރާ ވަނީ އޭނާގެ އަސް ތަދު އިހުސާސް ކޮށްދީފަ އެވެ. މިވާހަކަތައް އިވުނު ކޮންމެ މީހެއްގެ ވެސް ހިތް ކުދިކުދިވާނެ ކަން ޔަގީނެވެ. މި ޕްރޮގްރާމް ބެލި ކޮންމެ މީހެއްގެ ދުލުންވެސް ބޭރުވަނީ އަސްރާއަށް ހަމްދަރުދީ އެވެ. މުޅި ސޯޝަލް މީޑިއާ ފުރިފައި ވަނީ އަސްރާ އަށް ހެޔޮ ދުއާ ކޮށްދީ އަސްރާގެ ބައްޔަށް ފަރުވާ ހޯދުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާފައިވާ މަންޒަރުންނެވެ.
"ކުޑައިރުވެސް އެންމެންވެސް ބުނާނެ އަސްރާ ކީއްވެހޭ ނުދުވަނީ. ސަކަރާތް ނުޖަހަނީ. އޭރު ހުންނާނީވެސް ވަރަށް ހިކި ކޮށް. ސްކޫލަށް ދިޔައިމަ ކުދިން ބުލީވެސް ކުރާނެ. ދެން އެހެން އުޅެނިކޮށް އޭރު ގްރޭޑް ނުވައެއްގަ އުޅުނީ. އެއްދުވަހަކު މަންމަ ބުނީ ފުޅިއަށް ފެން އަޅައިގެން އަންނާށޭ. ބުނީމަ ފެން އަޅަން ގުދުވިތަނާ ކޮށި އަރައިގެން ކެއްސައިގަތީމަ އަނގައިންނާއި ނޭފަތުން ވަރަށް ބައިވަރު ލޭ އައީ. ދެން އެ ދުވަހު ބައްޕަ ދިޔަ ހޮސްޕިޓަލަށް ގޮވައިގެން. އެކަމަކު ޓެސްޓު ހަދާފަ ބުނީ އެއްވެސް މައްސަލައެއް ނެތޭ، ހަމަ ރަނގަޅޭ. ދެން ޗުއްޓީ ކައިރިވެފަ އޮތީމަ ބައްޕަ ބުނީ ޗުއްޓީގަ މާލެ ދާނީ ދޯ އޭ." ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަން ފެށި ގޮތް ހިއްސާ ކުރަމުން އަސްރާ ބުންޏެވެ.
އަސްރާ ބުނީ އެފަހަރު ޗުއްޓީގައި މާލެ އައިސް ޑޮކްޓަރަށް ދެއްކި ނަމަވެސް އެއްވެސް މައްސަލައެއް ހުރި ކަމަށް ނުދައްކާ ކަމަށެވެ. އެހެން ކަމުން އަނބުރާ ރަށަށް ގޮސް ސްކޫލް ނިންމާލުމަށްފަހު ޒަވާޖީ ހަޔާތެއް ފަށައިގެން އަލުން މާލެ އައި ކަމަށެވެ. އޭރު ވަޒީފާ އަދާކުރަމުން ދިޔައީ ފިހާރައެއްގައި ކަމަށާއި ވަޒީފާގައި އުޅެނިކޮށް ވަރަށް ގަދައަށް ހުން އައި ކަމަށެވެ.
"އެއްދުވަހަކު ފިހާރައިގަ ޑިއުޓީގަ އިންދާ ވަރަށް ގަދައަށް ހުން އަންނަން ފެށީ. ދެން ބޮސްގެ އަންހެނުން ގާތު ބުނިން ވަރަށް ބައްޔޭ ދެން ނުހުރެވޭނެޔޭ. ބުނީމަ އޭނަ ބުނީ ދާންވީ ނޫންހޭ ޑޮކްޓަރަށް ދައްކަން. ބުނީމަ އަހަރެން ބުނިން ނެތޭ އެއްވެސް ވަރަކަށް ފައިސާއެއް. ބުނީމަ އޭނަ އެ ދުވަހު ދިނީ ޑޮކްޓަރަށް ދައްކަން ފައިސާ. އޭރު އާސަންދައެއްވެސް ނީނދޭ. ޑޮކްޓަރަށް ދެއްކީމަ އިމަޖެންސީ ރޫމަށް ގެންގޮސްފަ ބުނީ އައިސީޔޫއަށޭ ލާން ޖެހޭނީ. ބުނީމަ ދެން ރުފިޔާ ނެތީމަ ނަރުސް ކުއްޖާ ދިޔަތަނުން ހޮސްޕިޓަލުން ނިކުމެގެން ގެއަށް އައީ. އައިސްފަ ދެ ދުވަސް ފަހުން މާ ބޮޑަށް ސަކަރާތްވެގެން ހޮސްޕިޓަލަށް ގެންދިޔައީ. ގެންގޮސްފަ އައިސީޔޫއަށްލީ. އޭރު ބައްޕަ މާލެ އަތުވެއްޖެ." އޭނާ ބުންޏެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަސް އައިސީޔޫގައި ފަރުވާ ދިނުމަށްފަހުވެސް އަސްރާގެ ބަލި ދެނެނުގަނެވުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭގެ ފަހުން އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އަސްރާގެ ބަލި ދެނެގަނެވުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މާލީ ހާލަތު ހުރި ގޮތުން އަނބުރާ ރާއްޖެ އަންނަން ޖެހުނު ކަމަށްވެސް ބުންޏެވެ.
ހިފެހެއްޓުމެއް ނެތި އަސްރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ވޭނީ އެތައް ވާހަކައެއް ބުނެދިނެވެ. ކޮންމެ ނޭވާއެއްވެސް ދަތި އުނދަގުލާއެކު އަސްރާ ލަމުން އެ އަންނަނީ ދިރިއުޅުމަށް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖެއްސުމަށެވެ. އަސްރާގެ ހަޔާތުގައި އިތުރު ދުވަސްތައް ގުނުމުގެ އުންމީދު މިހާރު ލިބެން އޮތީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ކުރެވުމުންނެވެ. އިންސާނާގެ އެންމެ ނާޒުކު ދެ ގުނަވަން މިޖެހެނީ ބަދަލު ކުރާށެވެ. ބޮޑު ހަނގުރާމައެކެވެ. ޑޯނަރެއް ހޯދަން ވެސް އެހައި އުނދަގޫވާނެ އެވެ.
އަސްރާ ބުނީ ދިރިއުޅުމުގެ ކޮންމެ ދުވަހަކީވެސް އިމްތިހާނެއް ކަމަށެވެ. އެކަމަކު ދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކުވެސް އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. ފުރަތަމަ ފަހަރަށް އިންޑިއާއަށް ގޮސް އައިފަހުން ފުރަތަމަ ފިރިމީހާ މުޅިން ބަދަލު ވެ ދިރިއުޅުމުގެ ސޮފުހާތައް އެހިސާބުން ނިންމާލަން ޖެހުނު ކަމަށް އަސްރާ ބުންޏެވެ. އެގޮތުން އަސްރާއަށް ދަރިޔަކު ނުލިބޭނެ ކަމަށްބުނެ ހިތް ފަޅައިގެންދާނެ އެތައް ވާހަކައެއް އޭނާ ދެއްކި ކަމަށްވެސް އަސްރާ ބުންޏެވެ.
އެހެން ނަމަވެސް އޭގެ އަހަރުތަކެއްފަހުން ދެވަނަ ކައިވެންޏެއް ކޮށް ބަލިވެ އިން ކަމަށާއި ނަމަވެސް ބަނޑަށް ހަތަރު މަހުގައި ދަރިފުޅާ ވަކިވެގެން ދާން ޖެހުނު ކަމަށް ބުންޏެވެ. ދަރިފުޅާއެކު އެ ދިރިއުޅުން ވެސް ނިންމާލަން ޖެހުނު ކަމަށް އަސްރާ ބުންޏެވެ.
ދެން އަސްރާގެ އަތުގައި ހިފީ އަސްރާ ހުރި ހާލަތު އެނގި ހުރެ އަސްރާގެ ހަޔާތުގެ ދަތުރުގައި ބައިވެރިވެ އޭނާގެ އެ ދިރިއުޅުން ބަދަލު ކޮށްދިނުމުގެ އުއްމީދުގައި އޭނާގެ މިހާރުގެ ފިރިމީހާ ޔާސިރު އަހުމަދެވެ. މިސްރާބެއް ނެތް ހަޔާތުގެ މާލިމީއަކަށް ވެ ހުންގާނުގައި ޔާސިރު ހިފީ އަމާޒަށް ވާސިލުވުމަށް ގިރާކުރަން ޖެހުނު ކޮންމެ ކަނޑެއްވެސް ހުރަސް ކޮށް އަސްރާ ގޮވައިގެން އަމާން އައްސޭރިއަކަށް ދިއުމުގެ ވަރުގަދަ އަޒުމާއި ހިތްވަރާ އެކުގަ އެވެ.
"އަޅުގަނޑު އަސްރާ ޓްރާންސްޕްލާންޓު ކުރަން ކުރެވުނު ހުރިހާ ކަމެއް ކޮށްދޭނަން. އަސްރާ އަތުގަ އަޅުގަނޑު ހިފީ ވަކި ހިސާބަކުން ދޫކޮށްލާކަށް ނޫން. އަސްރާ އުޅޭ ހާލު ގާތުން ފެނި އެކަމުގަ ބައިވެރިވާން. އެގޮތުގަ އަޅުގަނޑު އަސްރާ ގޮވައިގެން ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފިން. މިހާރު ވަރަށް ބޮޑަށް އުއްމީދު އާވެއްޖެ ޔޫކޭ އިން މި އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ. އެކަމަކު މާލީ ތަންވަސްކަމާ ކޮވިޑުގެ މިހާލަތާ ހެދި ނުފުރި މިތިބީ." އަސްރާގެ ފިރިމީހާ ބުންޏެވެ.
މިއަދު އަސްރާގެ ދިރިއުޅުމުގެ މަގު ކޮށައިދެމުން އަންނަނީ އޭނާގެ ހިތްވަރު ގަދަ ފިރިމީހާ އާއި އަސްރާ އާއި ޔާސިރުގެ އާއިލާގެ މީހުންނެވެ. ލޯބިވާ އަނބިމީހާގެ ފުރާނައަށްޓަކައި ޔާސިރު ހުރީ ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވާން ތައްޔާރަށެވެ. އަސްރާ އެކަނިވާނެ އެއްވެސް ވަގުތެއް ނުދެ އެވެ. އުޅެމުންދިޔަ ވަޒީފާ ދޫކޮށްލަން ޔާސިރަށް މަޖުބޫރުވީ ވެސް އެހެންވެ އެވެ.
އަސްރާ ކިޔައިދިން ގޮތުގައި މިއީ ދިރިއުޅުމެއް ނޫނެވެ. ބޭސްގުޅައަކާއި އޮކްސިޖަން މެޝިނާއި ނުލައި މިހާރު އެންމެ ދުވަހެއްވެސް ހޭދައެއް ނުކުރެވެ އެވެ. އެކަމަކު އެ ނޫން ދިރިއުޅުމެއް އެންމެ ދުވަހަކު ނަމަވެސް އުޅެން ބޭނުންވެ އެވެ. އެހެން މީހުން ފަދައިން މޫދަށް ގޮސް ސަކަރާތް ޖަހާލައި އެންމެން އެކުގައި އެއްދުވަސް ނަމަވެސް އާދައިގެ މީހަކު ގޮތަށް އުޅެން އޭނާވެސް ބޭނުންވެ އެވެ.
"ޔޫކޭ އިން މިހާރު ޔަގީންކަން ދީފި އެ އޮޕަރޭޝަން ކުރެވޭނެ ކަމުގެ. އެކަމަކު ރިސްކުވެސް ބޮޑު. އޮޕަރޭޝަން ކުރިއަސް އަސްރާ ދުނިޔޭގަ ހުންނާނެ ކަމަށް ޑޮކްޓަރުން ދިން މުއްދަތަކީ އެއް އަހަރު. އެކަމަކު މަރުވާނެ ދުވަހެއް އެއްވެސް މީހަކަށް ނޭނގޭނެ ދެއްތޯ؟ އެއް އަހަރު ވިޔަސް މި އޮޕަރޭޝަން ކުރަން އަޅުގަނޑު ބޭނުން. އާދައިގެ މީހުން މިއުޅޭހެން އެއްދުވަހު ނަމަވެސް އުޅެލަން ބޭނުން. އަޅުގަނޑަށް މޫދަށް ނުފޭބޭތީ ކޮއްކޮމެންވެސް ގޭގައުޅޭ އެހެން ކުދިންވެސް މޫދަށް ނޭރި ތިބޭނެ. އެކަމަކު އެމީހުންނާ އެކީ މޫދަށް އެރިލައި މަޖާ ކޮށްލަންވެސް ބޭނުން އެންމެ ދުވަހަކަށް ނަމަވެސް. މި އޮކްސިޖަން މެޝިނާ ނުލައި އުޅެން ބޭނުން. ބޭހާ ނުލައި އުޅެން ބޭނުން." ރޮމުން ރޮމުން އަސްރާ ކިޔައިދިނެވެ.
އަސްރާ ބުނިގޮތުގައި މިހާރު އޭނާ ގާތު 24 ގަޑި އިރު މީހަކު ހުންނަން ޖެހެ އެވެ. ލޭ މަތިވުމުގެ ސަބަބުން ބޭސް ކާންޖެހެ އެވެ. ނޫން ނަމަ ހުރިހާ ތަނަކުން ލޭ ފައިބަނީ އެވެ. ނަމަވެސް އެ ބޭސް ކެއުމުން ލޭ މާބޮޑަށް ދައްކޮށްލައި ވެއްޓެނީ އެވެ. މިފަހުން އަސްރާއަށް ބޮޑު ސްޓްރޯކެއްވެސް ޖެހުނެވެ. ނަމަވެސް މިހާރު އެ ސްޓްރޯކުން ރަނގަޅުވެއްޖެ އެވެ.
ކޮންމެ ކުއްޖަކުވެސް އުފަންވާއިރު ހިތުގެ ފުރިހަމަ ނުވާ ތަންކޮޅެއް ހުރެ އެވެ. ހުސްތަންކޮޅެއް ހެން ހުއްޓަސް ވިހެއުމަށްފަހު ބައެއް ކުދިންގެ އެތަންކޮޅު ބެދެ އެވެ. އަނެއް ބައި ކުދިން ވަކި އުމުރަކަށް ދިއުމުން ހިތުގެ އެތަންކޮޅު ބެދެ އެވެ. އަސްރާގެ ހިތުގެ އެ ހުސްތަންކޮޅު ހުރީ ނުބެދި އެވެ. މިކަމުގެ ސަބަބުން ފުއްޕާމެއަށްވެސް އޭގެ އަސަރު ކުރީ އެވެ. ކުރީން ބަލި ދެނެގަނެވުނު ނަމަ ކުޑަ ކުޑަ އޮޕަރޭޝަނަކުން އަސްރާގެ ބަލި ރަނގަޅުވެދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އަސްރާގެ ފިރިމީހާ ބުންޏެވެ. ނަމަވެސް އެ ޒަމާނަކީ ފަސޭހައިން ބަލިތައް ދެނެގަނެ އަވަހަށް ފަރުވާ ދެވޭނެ ޒަމާނެއް ނޫން ކަމުން އަސްރާގެ ބަލި ދެނެގަނެވުނު އިރު އޭނާގެ ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ.
އަސްރާގެ ފުރާނަ ސަލާމަތްކުރުމަށް މިއަދު ވަނީ އެންމެންގެ ދީލަތި އެހީތެރިކަން ބޭނުންވެފަ އެވެ. އަދި އެންމެންގެ ހެޔޮ ދުއާވެސް އަސްރާ މިއަދު ބޭނުންވެ އެވެ.
އަސްރާ އަށް އެހީވާން ބޭނުންވާ ފަރާތްތަކުން:
އެކަންޓުން ނަން: އައިމިނަތު އަސްރާ
އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133
އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391
އަދި އަސްރާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް 7795796 ނަންބަރުން ޔާސިރު އަހުމަދަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.