ކޮވިޑު ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޒުވާން އަންހެނަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ރޭ ފަތިހުގެ ވަގުތެއްގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. މިއާއެެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96 އަކަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 23 މީހަކު ވަނީ މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހީންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 96 މީހުންގެ ތެރޭގައި ހިމެނެނީ 85 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.