މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ވ. ކެޔޮދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކެޔޮދޫ ކައުންސިލުގެ ރައީސް އަހުމަދު ޔޫސުފް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމީހާ ޕޮޒިޓިވްކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވިއިރު ގިނަ ބަޔަކާ ކޮންޓެކްޓުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އިއްޔެ ހަވީރު އެމީހާގެ ނަތީޖާ މި ލިބުނީ. މިއަދު ރަށް މޮނީޓަރިންގެ ހާލަތަށް މި ގެނެވުނީ،" ޔޫސުފް ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ، އެމީހާއާ ވިއްސަކަށް މީހުން ކޮންޓެކްޓްވެފައިވާ ކަމަށާއި އެ އެންމެންވެސް މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ކެޔޮދޫ ހިމެނޭހެން ރާއްޖޭގެ 50 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.