ބޮމުގެ ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅުގެ ފޮޓޯތަކެއް އާންމުކޮށްފިއެވެ.

ބޮމުގެ ހަމަލާއަށް ފަހު ރައީސް ނަޝީދުގެ ހަށިކޮޅުގެ ފޮޓޯތަކެއް އާންމުކޮށްފައިވާ އިރު، ލިބިފައިވާ ގެއްލުނު ބޮޑު ނަމަވެސް އެމަނިކުފާނުގެ ހިތަވްރުފުޅު ވަރުގަދަ ކަމަށް އައިލާ އިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ، އެ ފޮޓޯތައް އާންމުކޮށްފައިވަނީ އެމަނިކުފާނު އިޒުނަފުޅާއެކު ކަމަށާއި ފޮޓޯތަކުން އެ ފެންނަނީ ލިބިފައިވާ ގެއްލުންތައް ކަމަށެވެ.

"ހަށިކޮޅަށް ލިބިފައިވާ ޒަހަމުތައް ސީރިއަސް. އެކަމަކު އަޅުގަނޑަށް އިހުސާސް ކުރެވޭ ހިތްވަރުފުޅު ވަރުގަދަކަން،" ޑރ. ނާޝިދު ވިދާޅުވިއެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ރައީސް ނަޝީދުގެ މޭކަށިގަނޑުން ފެށިގެން ދައްބަނޑާ ހަމައަށް ވަނީ ފަޅާލުމަށްފަހު ފަހައިފައެވެ. އަދި ވާއަތް ފަރާތުގެ މޭ މަތީގައި ތިން ތަނެއް ޒަހަމުވެފައި ހުރި އިރު، އެ އަތުގަޔާއި މުޅި ހަށިގަނޑުގައި ވަނީ ބޭސް އަޅައިފައެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމުތަކާ ގުޅިގެން އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދަށް ފަރުވާދެމުން ގެންދަނީ އެގައުމުގެ ވެރިރަށް ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައެވެ. އެމަނިކުފާނު އެޑިމިޓްކޮށް ފަރުވާ ފެށުމުގެ ކުރިން ސްކޭންތަކެއް ހަދަމުން އަންނަ ކަމަށް އިއްޔެ ވަނީ އާއިލާ އިން ބުނެފައެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

"މިއަދު ހެނދުނު ވެސް ވަނީ ކަރުންމަތީގެ އިތުރު ޓެސްޓުތަކެއް ހަދާފައި،" "ވަން" އާ ވާހަކަދައްކަވަމުން ޑރ. ނާޝިދު މިއަދު ވިދާޅުވިއެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ.

މި ހާދިސާގައި ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެފައިވާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ. އަދި އެ އެތިކޮޅުތައް ނަގައި، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެ ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.