ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ ހަތްވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ދަރި ކަނބަލުން މީރާ ލައިލާ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދަށް ތުހުމަތު ކުރައްވައި، މީރާ ލައިލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހަމަލާގައި ތުހުމަތު ކުރާ މީހުންގެ ލިސްޓުގެ ކުރީގައި ޝާހިދުގެ ނަން ހިމެނޭ ކަމަށެވެ.
ނަމަވެސް އެއީ ތެދަކަށް ނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީރާގެ ޓުވީޓުން އެ ހަމަލާއަށް ޝައްކު ކުރެވޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަން ހާމަ ވެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީއަށް ވެސް މީރާ ވަނީ ފާޑު ވިދާޅުވެފައެވެ.
އެގޮތުން ހާތަނަށް އައިއިރުވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މާރިޔާ ހުންނެވީ ކީއްވެކަން ސާފު ނުވާކަމަށް މީރާ ވަނީ ވިދާޅުވެފައެވެ.
ބޮމުގެ ހަމަލާއާ ގުޅުވައިގެން މިނިސްޓަރު މާރިޔާގެ އިސްތިއުފާގެ އަޑު ސޯޝަލް މީޑިއާގައި ގަދަ ވެފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބު ނެރުއްވި ބަޔާނަކާ ގުޅިގެންނެވެ.
އެ ބަޔާނުގައި އިލިޔާސް ލަބީބު ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ވަގުތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެކަން ފުލުހަށް އެންގުމަށް މާރިޔާ އަންގަވާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ، އެ މުއައްސަސާއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސް އަށް ހިއްސާކުރުމަށް މާރިއާ އަންގަވާފައި ނުވާ ކަމަށްވެސް އިލިޔާސް ވިދާޅުވެފައި ވެއެވެ.
ބޮން ގޮއްވާލި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ވަނީ ޖަރުމަނު ވިލާތަށް ވަޑައިގެންފައެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ