ސްރީލަންކާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ އެގައުމަކަށް ދަތުރުކުރާ އެންމެން ކަރަންޓީން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް (ކޮވިޑް 19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ލަންކާއަށް ދަތުރުކުރާ 12 (ބާރަ) އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" PCR ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" PCR ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައިވެސް އެމްބަސީން ބުންޏެވެ. މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާ ވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.
ކަރަންޓީނު ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނު ވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ސްރީލަންކާއަށް ދަތުރުކުރަން ގަސްތުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު