ކޮވިޑުގައި މިދިޔަ 12 ގަޑި އިރު ތެރޭ ރާއްޖޭގައި ހަތަރު ވަނަ މީހަކު މަރުވެ، ޖުމުލަ އަދަދު 91 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް މިއަދު ގެނައި އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 12:48 ގައި މަރުވެފައިވާ ކަމަށެވެ. އެއީ އޭނާގެ މަރަކީ ކޮވިޑު މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ. ކޮވިޑުގައި މިއަދު ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ރޭ މެންދަމު 2:24 ގައެވެ.

ދެވަނަ މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދިވެހި ފިރިހެނެކެވެ. އުމުރުން 64 އަހަރުގެ އެ މީހާ މަރުވީ ހެނދުނު 6:30 ގައެވެ.

ތިން ވަނަ މީހާ މަރުވީ ދަރުމަވަންތު ހޮސްޕިޓަލުގެ 11 ވަނަ ބުރީގައި ގާއިމުކޮށްފައިވާ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއަދު ހެނދުނު 9:05 ގައި މަރުވި އެމީހާއަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 91 މީހުންގެ ތެރޭގައި ހިމެނެނީ 80 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.