ލިބުނު އިންޓެލް މައުލޫމާތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު މޭޖާ އިބްރާހިމް އާޒިމް "ވަން" އަށް ވިދާޅުވީ، ލިބުނު މައުލޫމާތަކާ ގުޅިގެން ރެއިން ފެށިގެން ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭ އާއި އަތޮޅުތެރޭގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން މާލެތެރެ ބެލެހެއްޓުމަށް ފުލުހުންނާއެކު ސިފައިން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު ބައެއް ތަންތަނުގައި ސިފައިން ދަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.