ކޮވިޑުގައި މިދިޔަ ހަތް ގަޑި އިރު ތެރޭ ރާއްޖޭގައި ތިން ވަނަ މީހަކު މަރުވެ، ޖުމުލަ އަދަދު 90 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މިއަދު ފުރަތަމަ މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އެއީ ރޭ މެންދަމު 2:24 ގައެވެ. އެއީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ކޮވިޑުގައި މިއަދު މަރުވި ދެވަނަ މީހާ އަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އުމުރުން 64 އަހަރުގެ މި މީހާ މަރުވީ ހެނދުނު 6:30 ގައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑުގައި މަރުވި ތިން ވަނަ މީހާއަކީ ކޮވިޑުގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތު ހޮސްޕިޓަލުގެ 11 ވަނަ ބުރީގައި ގާއިމު ކޮށްފައިވާ އައިސީޔޫގައި ފަރުވާ ދެމުން އައި މީހެކެވެ. އެއީ 86 އަހަރުގެ ދިވެހި އަންހެނެވެ. އޭނާ މަރުވީ ހެނދުނު 9:05 ގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މުޅި ރާއްޖެއަށް މި ބަލި މިހާރު ވަނީ ފެތުރިފަ އެވެ. ހަތަރު ވަނަ ރާޅެއްގައި ރާއްޖެ އޮތް އިރު، ބަލި ކޮންޓްރޯލު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެ ގޮތުން މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. ކެފޭ ރެސްޓޯރެންޓުތަކުގައި ތިބެގެން ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ. ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ.
ބަލި ކޮންޓްރޯލު ކުރުމަށް ޓަކައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިތުރުން ސިފައިންވެސް މިހާރު ވަނީ މަގުތަކަށް ނުކުމެފަ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19