އަފްގާނިސްތާނަށް ސުލްހަ ގެނައުމަށް ޕާކިސްތާނުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އެގައުމުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.
އަފްގާނިސްތާނުގެ ރައީސް އެގޮތަށް ވިދާޅުވީ, އެގައުމުގައި ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ގަމަރު ޖާވިދް ބަޖްވާ އާއި އިނގިރޭސި ވިލާތުގެ ޗީފް އޮފް ޑިފެންސް ސްޓާފް އަދި ބްރިޓިޝް އާމްޑް ފޯސްގެ އިސްވެރިޔާ ޖެނެރަލް ނިކް ކާޓާއާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
އެ ބައްދަލުވުމަށްފަހު އަފްގާނިސްތާނުގެ ރައީސްގެ ގަނޑުވަރުކޮޅުން ނެރުނު ބަޔާނެއްގައި ބުނީ, އަފްގާނިސްތާނަށް ސުލްހަ ގެނައުމަށާއި އަދި ތާލިބާނުންގެ އަނިޔާވެރިކަމާ ދެކޮޅަށް ސަރަހައްދީ ގައުމުތަކުން, ހާއްސަކޮށް ޕާކިސްތާނުން މުހިންމު ދައުރެއް އަދާކުރުން މުހިންމު ކަމަށް ޣަނީ ވިދާޅުވި ކަމަށެވެ.
އަދި ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު އަވަށްޓެރިކަމުގެ ގުޅުން ވަރުގަދަކޮށް ވިޔަފާރީގެ ގުޅުން ބަދަހިކުރުން ނޫން ގޮތެއް ނެތް ކަމަށްވެސް ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ.
ޣަނީ އިތުރަށް ވިދާޅުވީ, އަގްފާނިސްތާނުގައި ކުރިއަށްދާ ހަނގުރާމައަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި ނަމަވެސް އެކަމަށް ތާލިބާނުން އެއްބަސްނުވުމަކީ އެގައުމުގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިޔާއާއެކު އަފްގާނިސްތާނުގެ ރައީސް ބައްދަލުކުރައްވައި މަޝްވަރާ ކޮށްފައި މިވަނީ, މިދިޔަ ހަފުތާގެ ތެރޭގައި އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުގައި ހުންނަ ސައްޔިދުލް ޝުހާދާ ހައި ސްކޫލު ކައިރީގައި ދިން ބޮމުގެ ހަމަލާތަކެއްގައި 63 ދަރިވަރުން މަރާލައި, 150 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައި ވަނިކޮށެވެ.
އަފްގާނިސްތާނުން އެމެރިކާގެ ސިފައިން ފޭބުމުގެ މަސައްކަތް ކުރިއަށްދާ އިރު, އެގައުމުގައި މިފަދަ ހަމަލާތައް ދިނުން ވަނީ އިތުރުވެފައެވެ. އަދި މި ހަމަލާތަކުގައި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުންނާއި އާންމުންވެސް މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ