ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް މިމަހު 19 ވަނަ ދުވަހު ޗައިނާއަށް ދިއުމުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ހޮޓެލް ޖެންގައި ކޭމްޕްކޮށްފިއެވެ.

މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ގައުމީ ޓީމުގެ ބާކީ ކޮލިފިކޭޝަން މެޗުތައް ކުރިއަށްދާ އިރު، ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވަނީ 25 ކުޅުންތެރިންނާއެކުގައެވެ. ހުރިހާ ކުޅުންތެރިންގެ ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު ކޭމްޕް ޖެހި އިރު، އަށް އޮފިޝަލުން ވެސް ކުޅުންތެރިންނާއެކު ވަނީ ކޭމްޕްކޮށްފައެވެ.

ކުރިން ހަމަޖެހިފައި އޮތީ މި މަހު ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް މެޗުތަކަށް ފަހު މިމަހުގެ 24 ނުވަތަ 25 ހިސާބު ޓީމު ޗައިނާއަށް ދާ ގޮތަށް ނަމަވެސް، އެފްއޭއެމްއިން ޓީމު އެއްކޮށް ކޭމްޕް ކުރީ ރާއްޖޭގެ ކޮވިޑު ހާލަތު ގޯސްވެ، އެކަމުގެ ސަބަބުން ޓީމު ކުޅުންތެރިންނަށް އުނދަގޫތަކަކާ ކުރިމަތިވެދާނެތީއެވެ. އަދި އޭގެ އިތުރުން އޭއެފްސީ ކަޕް މެޗުތައްވެސް ފަސްކޮށްފައިވުމާއެކު، ޓީމު އަވަހަށް ޗައިނާއަށް ގެންދަން ވަނީ ފަސޭހަވެސް ވެފައެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިންވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތްވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގެ ކޮންމެ ހިސާބަކުން ނިންމާލި ކަމުގައި ވިޔަސް އޭޝިއަން ކަޕްގެ ފުރުސަތު ރާއްޖެއަށް އަދި އޮންނާނެއެވެ. އެހެންނަމަވެސް ކޮލިފިކޭޝަންގެ ބުރުތައް ރާއްޖެއަށް މަދުކުރެވެން އޮތީ ގްރޫޕްގައި ރަނގަޅު ހިސާބަކުން ނިންމާލައިގެންނެވެ.