ނިރުބަވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ފިތުރު އީދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ބުނީ، މުސްލިމުން މިއަދު އީދުގެ އުފާ ހާސިލުކުރަމުން އަންނަ އިރު، ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި ނިރުބަވެރި އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށްވެސް ބުންޏެވެ.
"މުސްލިމު އަހުންނޭވެ! ނިރުބަވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ހަރުކަށި އަދަބު ދެވެން ޖެހެއެވެ. ނޫން ނަމަ މުޖުތަމައު ނާމާންވެ، ބިރުވެރިކަން އާއްމުވެދާނެއެވެ..،" ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ އިސްލާމީ އަގީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ތަނބު ކަމަށާއި އެ އަގީދާ ފުނޑުފުނޑުކޮށްލުމަށްޓަކައި ފިކުރީ ގޮތުން އެތަކެއް މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ރައްކާތެރިވާން ޖެހޭ ކަމަށް ވެސް ބުންޏެވެ.
ހުތުބާގައި ވަނީ، ރަމަޟާން މަހު ދެއްކި އީމާންތެރިކަމުގެ މަތިވެރި ނަމޫނާގެ މަތީގައި ނަމާދާއި އެހެނިހެން އަޅުކަންތަކަށް ފަރުވާތެރިވީ ފަދައިން، އެ މަހަށް ފަހުވެސް ފަރުވާތެރިވުމަށް ވަސިއްޔަތްކޮށްފައެވެ. އަދި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކޮށް، އަނބީންނަށް އޯގާތެރިވުމަށްވެސް ހުތުބާގައި ވަސިއްޔަތްކޮށްފައިވެއެވެ.
ހުތުބާ ނިންމާލަމުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ސިއްހީ މާހިރުންދޭ އިރުޝާދުތަކަށް ބޯލަނބައި، އާންމު ސިއްހަތަށް ރައްކާތެރިވެ، އާންމު ތަންތަނާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނުގައި ތޮއްޖެހިގެން ނޫޅުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ނަސޭހަތްތެރިވެފައެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ