ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، މި ބަލިން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުން އެއްބައިވަންތަކަމާއެކު ގަދައަޅައި މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، މިއަދު ނެރުއްވާފައިވާ ބަޔާނުގައި ސިޔާމް ވިދާޅުވީ މާތްވެގެންވާ މައްސަރަކަށްފަހު، މިއަހަރުގެ އުފާވެރި ފިތުރު އީދު ބައްދަލު މިކުރަނީ އަނެއްކާވެސް ނުހަނު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ރާއްޖޭގައި އިންތިހާއަށް ކޮވިޑް ފެތުރި، އެތައް ލޮބުވެތި ރައްޔިތުންނެއް މި ނުރައްކާތެރި ބައްޔަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި ބައްޔަށް ފައްސިވެ، ފަރުވާ ހޯއްދަމުންގެންދާ އެންމެހައި ރައްޔިތުންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މި ބަލިން ރައްކާތެރިވުމަށް ހުރިހާ ލޮބުވެތި ރައްޔިތުން އެއްބައިވަންތަކަމާއެކު ގަދައަޅައި މަސައްކަތްކުރެއްވުމަށް މި ފުރުސަތުގައި އަޅުގަނޑު އިލްތިމާސްކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އީދުގެ އުފާފާޅުކުރަމުން އަންނަ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާ ނިކަމެތި މުސްލިމުންގެ ހިތްދަތި ހާލަތާ މެދު ހަމްދަރުދީވެ، އެ ހާލުން ނަޖާކޮށްދެއްވުން އެދި ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުންގެންދާ ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ ނަސްރަކުން ނަސްރު ދެއްވުން ދުއާ ދަންނަވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.