ރައްޔިތުން އެދޭ ހެޔޮވެރިކަން ހޯދައިދިނުމަށް ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އެމަނިކުފާނު އާންމުންނަށް ދެއްވި ފުރަތަމަ މެސެޖެވެ.
ރައީސް ނަޝީދު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާ އާއި ޝުކުރު އަދާކުރައްވާ ކަަމަށެވެ.
"މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން، ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދައިދިނުމުގައި ދެމި ހުންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ހުރިހާ ރައްޔިތުންނަށް އީދުގެ ހެޔޮ އެދުންތައްވެސް ފޮނުއްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކާ ގުޅިގެން އޭޑީކޭގައި ވަނީ އޮޕަރޭޝަންތަކެއް ކުރައްވައިފައެވެ.
އޭޑީކޭގައި ކުރެއްވި އޮޕަރޭޝަންތަކަށް ފަހު ރައީސް ނަޝީދު ރިކަވާ ވަމުން އަންނަ ކަމަށާއި މާދަމާ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނިކުމެވަޑިގެން މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ފުއްޕާމެއަށް ގެއްލުންވެ، ގޮހޮރު ދެތަނަކުން ފޫ އެޅުމުގެ އިތުރުން، އެ ހަމަލާގައި ބުރައިގެންދިޔަ ރޭޒާފުއްތަކާއި، ދަގަނޑުކޮޅު ތަކާއި، ޕްލާސްޓިކުކޮޅުތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ފުންކޮށް ވަދެ، ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު