އޮޑިޓާ ޖެނެރަލްގެ މަގާމުން ހަސަން ޒިޔަތު އިސްތިއުފާދެއްވައިފިއެވެ.

ޒިޔަތު، އޮޑިޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަންވެސް ހިމެނެއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުން ޒިޔަތު އިސްތިއުފާދެއްވިކަމުގެ ސިޓީ، ރައްޔިތުން މަޖިލީހަށް ލިބިފައިވާ ކަމަށް މަޖިލީހުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

ޒިޔަތު ފޮނުވި ސިޓީގައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

"ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފިން،" ސިޓީގައިވެއެވެ.

ޒިޔަތު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބައޮތެވެ.