ޚަބަރު

ބޮޑު ހިޔާނާތް: ޝިފާޒަށް ދެ މިލިއަން، އަކްރަމް ކަމާލުއްދީނަށް 6 ލައްކަ ރުފިޔާ!

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްވެސް އެމްއެމްޕީއާރް ލިސްޓްގައި ހިމެނިއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ. މި ލިސްޓުގެ ބައެއް ބައިތައް ރޭ ވަނީ ލީކު ވެފަ އެވެ.

އެ ލިސްޓްގައި ބުނި "މިންޖުވާން" މުޒާހަރާއަށް ހަރަދު ކުރުމަށް ފައިސާއަށް އެދުމުން ދެ މިލިއަން ރުފިޔާ ޝިފާޒަށް ދިން ކަމަށް ކުރީގެ ނައިބޫ ރައީސް އަހުމަދު އަދީބު ބުނެފައިވާ ކަމަށެވެ.

އެ ލިސްޓްގައި ދެން ހިމެނެނީ އަކްރަމެވެ. އެގޮތުން 2014، ނޮވެމްބަރު 10 ވަނަ ދުވަހު ކިނބިގަސްދޮށުގެ ހުންނަ މަގުން އޭނާއަށް ދެ ލައްކަ ރުފިޔާ ދީފައިވާނެ ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފައިވާ ކަމަށެވެ. އަދި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާއިން 30،000 ޑޮލަރު (462،600ރ.) ދީފައިވާ ކަމަށްވެސް ލިސްޓުގައި ވެއެވެ.

މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި އެމްއެމްޕީއާރްސީގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑް ކުރައްވާފައެވެ. ނަމަވެސް ރައީސް ވަނީ ފަހުން އޭނާގެ ސަސްޕެންޝަން އުވާލައްވައިފައެވެ.

އަކްރަމް ސަސްޕެންޑް ކުރީ އޭނާގެ އެކައުންޓަށް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގައެވެ.