ށ. ގޮއިދޫ، ށ. ކަނޑިތީމު، ކ. ކާށިދޫ އަދި ދ. ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ގޮއިދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ވަހީދު "ވަން"އަށް ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެވުނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި އެރަށަށް އައިސް އުޅުނު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ.
"ޕޮޒިޓިވްވީ ހުސް ފިރިހެނުން. ޒުވާން އުމުރުގެ. އެތަނުން އެއް މީހަކު ފުޓުބޯޅަ ކުޅެންވެސް ގޮސްފައިވޭ،" ވަހީދު ވިދާޅުވިއެވެ.
ކާށިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްއަކުން މީހަކު ޕޮޒިޓިވްވުމުންނެވެ. އެގޮތުން އެރަށުން މިއަދު ޕޮޒިޓިވްވީ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނިފައިވެއެވެ.
ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ ކުޑަހުވަދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ކެސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން އިތުރު ހަ މީހަކު ޕޮޒިޓިވްވުމުންނެވެ.
ކަނޑިތީމު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ކަނޑިތީމު ހެލްތު ސެންޓަރުގެ މެނޭޖަރު މުހައްމަދު ފަހުމީ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން ނެގި ހަތަރު ރެންޑަމް ސާމްޕަލްގެ ތެރެއިން ތިން މީހަކު ޕޮޒިޓިވްވީ މިއަދު ކަމަށާއި އެ އެންމެންނަކީވެސް ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯންޗެއްގައި މަސައްކަތް ކުރާ މީހަކާއި މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ދެ މީހެކެވެ.
ފަހުމީ ވިދާޅުވީ، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 45 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
ށ. ގޮއިދޫ، ކަނޑިތީމު، ކާށިދޫ އަދި ކުޑަހުވަދޫ ހިމެނޭހެން 42 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު