ޚަބަރު

ލޮކްޑައުނަކަށް ދާން ޖެހިއްޖެ ނަމަ، އެ ހާލަތަށް ތާއްޔާރުވުމުގެ މަސައްކަތް ފަށައިފި

އަލީ ޔާމިން

ލޮކްޑައުނަކަށް ދާން ޖެހިއްޖެ ނަމަ، އެ ހާލަތަށް ތާއްޔާރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ލޮކްޑައުން ކުރަން ޖެހޭ ހާލަތަކަށް ގޮސްދާނެތީ އެކަމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވީހާވެސް ބޮޑަށް ތަންފީޒުކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ލޮކްޑައުނަކަށް ރާއްޖެ ދާން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލުކޮށް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ލޮކްޑައުނަކަށް ރާއްޖެ ގޮސްފި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަަސައްކަތް ފައްޓާފައި،" މަބުރޫކް ވިދާޅުވިއެވެ.

ލޮކްޑައުނަށް ތައްޔާރުވުމުގެ މަސައްކަތް ފެށި ނަމަވެސް ސީދާ ލޮކްޑައުނަކަށްދާނެ ކަމެއް ނުވަތަ ނޫންކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ. ނަމަވެސް ލޮކްޑައުނަކަށް ދާން ސިއްހީ މާހިރުން ނިންމައިފި ނަމަ ސަރުކާރުން އެކަމާ ފަސްނުޖެހޭނެ ކަމަށް މަބްރޫކް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން މާދަމާއިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ. އެޗްޕީއޭއިން ބުނީ ގައިޑްލައިނާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމައިފައެވެ.

މި ފަހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ އިރު، ފާއިތުވި ތިން ދުވަހުވެސް 1،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.