މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާ އިން ފެށިގެން އެއް ހަފުތާގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ. ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ޕޮލިސް ޕާމިޓާއެކު މެންދަމު 12:00 އާ ހަމައަށް ދެވޭނެ ކަމަށް ބުންޏެވެ.

މާލޭ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ކަސްޓަމަރުންނަށް ހިދުމަތްދިނުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އެ އެޖެންސީން އަންގައިފައެވެ.

އޭގެ އިތުރުން މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާ އިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން މެދުކަނޑާލުމަށްވެސް ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 1،204 ކޮވިޑް ކޭސް ރެކޯޑު ކުރެވިފައިވާ އިރު، އޭގެ ތެރެއިން 961 ކޭސް ފެނިފައި ވަނީ މާލޭ ސަރަހައްދުންނެވެ.