ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ސަރަހައްދު ހުޅުވާލައިފިއެވެ.
އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ، ނީލޯފަރު ހިނގުމާއި މަޖީދީ މަގުގެ އެއްކޮޅުން އަލިކިލެގެފާނު މަގު ގުޅޭ ހިސާބުން އަދި އަނެއް ކޮޅުން ރައްދެބައި މަގުން މަޖީދީ މަގު ގުޅޭ ހިސާބު ބަންދު ކުރި އެވެ. އެތަން ހުޅުވާލާފައި މިވަނީ ހާދިސާ ހިނގިތާ ހަ ވަރަކަށް ދުވަސް ފަހުންނެވެ.
ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ރެއިން ފެށިގެން އެ ސަރަަހައްދު ހުޅުވާލާފައި ވަނީ ކްރައިމް ސީނުން ތަހުގީގަށް ބޭނުންވާ ހުރިހާ ސާމްޕަލްއަކާއި އެތަނުން ނަގަންޖެހޭ ހުރިހާ ސާމާނެއް ނެގުމަށްފަހުގައި ކަމަށެވެ. އަދި ބޮން ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ އެތިކޮޅުތައްވެސް ޖުމުލަ ގޮތެއްގައި ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް އެއްވެސް ގެއަކުން މި ހާދިސާއާ ގުޅުން ހުރި އެއްވެއް އަދިވެސް ފެނިއްޖެނަމަ އަޅުގަނޑުމެނަށް އަންގާލަދެއްވުން އެދެން،" ރިޔާޒު ވިދާޅުވިއެވެ.
އެގޮތުން ބޮން ގޮވުމުގެ ސަބަބުން ވިއްސައިގެން ދިޔަ ބައެއް ރޭޒާ ފުށްތައް އެކި ދިމާލުން ފެނިގެން ފުލުހުންނަށް ގުޅައި އެކަން އަންގާފައިވާ ކަމަށާއި އަދި އެފަދަ ރިޕޯޓުތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އެތަކެތި ނަގާފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"އަދިވެސް މިފަަދަ އިތުރު އެއްޗެއް އޮތުމަކީވެސް އެކަށީގެންވާ ކަމެއް. އެފަދަ އެއްޗެއް ފެނިއްޖެ ނަމަ ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިން 9704000 މިނަންބަރަށް ގުޅާލަ ދެއްވުން އެދެން،" ރިޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު