އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވެފައިވާ ކަމަށް، ވެރިކަން ހިންގާ މައި ޕާޓީ (އެމްޑީޕީގެ) ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވެފައި ވާއިރު އެމްއެމްޕީއާރުސީގެ ހިހާނާތުގެ ތުހުމަތު ކުރެވޭ 280 މީހުންގެ ލިސްޓުގައި އޭނާގެ ނަންވެސް ހިމެނެއެވެ.
އެ މައްސަލައާ ގުޅިގެން މީޑިއާތަކަށް އަލީ އާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ޖޮއިންޓް ކޮމިޓީއަކުން ބަލަން ފެށީވެސް އެ މައްސަލަ ބެލުމުގައި އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވެފައި ވާތީ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރާ ލިސްޓުގައި އާޒިމްގެ ނަން އޮތުމާ ގުޅިގެން އޭނާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އެސެޓް ރިކަވަރީ ކޮމިޝަނުން ހިމެނީ އެގޮތަށް ކަން ކުރުމުން އެލިސްޓު އާއްމު ކުރަން މަޖިލީހަށް ނުކުރޭނެ ކަމަށް ބަލައިގެން ކަމަށެވެ.
އަލީ އާޒިމް ވަނީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ފަރާތްތައް ހިމެނޭ ލިސްޓު އާއްމު ކުރުމަށް ގޮވާލައިފައެވެ. އެ ލިސްޓުގައި އޭނާގެ ނަން ހިމެނީވެސް އެކަމަށް ގޮވާލާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިހާތަނަށް އަލީ އާޒިމަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުން އަންނަ ޖޮއިންޓް ކޮމެޓީގައި ހިމެނޭ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ނައިބު މުގައްރިރެވެ. އެ މައްސަލަ އެ ކޮމިޓީން ބަލަން ފެށުމުން އަލީ އާޒިމް ވަނީ ޓޫފޯވަން ކޮމިޓީން އިސްތިއުފާ ދެއްވައިފައެވެ.
ރޭ ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއާ އަލުން ގުޅިވަޑައިގަންނަވާނެ ކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ކޮމިޓީން އަލީ އާޒިމް ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އައްޔަންކޮށްފައެވެ. އޭނާ އައްޔަންކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 13 މެންބަރުންގެ ވޯޓާއެކުއެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް