ތުރުކީގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ، އެގައުމުގައި ފުރަބަންދު އިއުލާނު ކޮށްފައިވުމާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭ ސްޓޭޑިއަމް ބަދަލުކުރަން ޔޫއެފާއިން މަޝްވަރާ ކޮށްފިއެވެ.

ތުރުކީގައި މިވަގުތު އޮތް ހާލަތާއެކު އެގައުމަކީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓްގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން އިނގިރޭސި ސަޕޯޓަރުންނަށް ފައިނަލް މެޗު ބެލުމަށް ނުދެވޭނެތީއާއެކު ކްލަބުތަކުގެ ކުޅުންތެރީންނަށް ތުރުކީއަށް ދަތުރުކުރުމުގައި ދަތިތަކެއް ދިމާވެދާނެތީ ޔޫއެފާއިން ވަނީ ފައިނަލް ކުޅޭނެ ދަނޑު ބަދަލުކުރަން ނިންމާފައެވެ.

ހާއްސަ ހުއްދައަކާއެކު ކުޅުންތެރިންނަށް ތުރުކީއަށް އެތެރެވެވުނު ނަމަވެސް، މިހާރު އޮތް ގޮތުން އިނގިރޭސި އެއްވެސް މީހަކު ރެޑް ލިސްޓްގެ ގައުމަކަށް ދަތުރު ކޮށްފިނަމަ، ސަރުކާރުން ގަބޫލުކުރާ ހޮޓަލެއްގައި 10 ދުވަސް ވަންދެން ކަރަންޓީނު ވާން ޖެހޭނެއެވެ. އެފަދަ ގޮތަކަށް ޗެލްސީއާއި މެންޗެސްޓާ ސިޓީ ކުޅުންތެރިން ކަރަންޓީނު ވާން ޖެހިއްޖެ ނަމަ، ޖޫން 11 ގައި އޮންނަ ޔޫރޯ މުބާރާތް ކުޅޭ ކުޅުންތެރިންނަށް ބޮޑެތި ދަތިތަކަކާވެސް ކުރިމަތިވާނެއެވެ.

އިނގިރޭސި ސަރުކާރު އެދުމުގެ މަތިން ފައިނަލް މެޗު ވެމްބްލީގައި ބާއްވަން ޔޫއެފާއިން ވާހަކަ ދެއްކި ނަމަވެސް އެކަމަށް އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. ހަބަރުތައް ބުނާ ގޮތުން މިހާރު ފައިނަލް ކުޅުން އެންމެ ގާތީ މިދިޔަ އަހަރުވެސް ފައިނަލް ކުޅުނު ޕޯޗުގަލްގައެވެ. ޕޯޗުގަލްއަކީ އިނގިރޭސި ޓްރެވެލިންގެ ގްރީން ގައުމަކަށް ވާއިރު، ސަޕޯޓަރުންނަށްވެސް އޭރު ދަތިތަކަކާ ނުލައި ފައިނަލަށް ދެވޭނެއެވެ.

މިމަހު 29 ވަނަ ދުވަހު އޮންނަ ފައިނަލަށް ސަޕޯޓަރުން ވައްދާނެ ކަމަށް ޔޫއެފާއިން ބުނެފައިވާއިރު، ހަބަރުތައް ބުނާ ގޮތުން ފައިނަލް ބޭއްވުމަށް ޕޯޓޯއާއި ލިސްބަންއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.