ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީވެ، މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަވާގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ "ވަން" އަށް ބުނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން ގުނޫތު ނާޒިލާ ކިޔަވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަން ހުރިހާ މިސްކިތެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން އަންގައިފައެވެ.
ރާއްޖޭގައި ކޮވިޑް ހާލަތު އިތުރަށް ގޯސްވަމުންދާ އިރު، މިއަދުވެސް ވަނީ 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު