ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހުޅުމާލެ ގެންދިޔައީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރައީސް ޔާމީންގެ ދަރިކަނބަލުން ގާދާ އަބްދުﷲ ޔާމީން ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާޓްމަންޓަށް އެމަނިކުފާނު މިރޭ ވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓުތައް ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން މިރޭ "ވަން" އަށް ބުނީ ރައީސް ޔާމީން މިރޭ ހުޅުމާލެ ގެންދިޔައީ ކޮވިޑުގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށެވެ. އެމަނިކުފާނު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:30 ހާއިރު ކަމަށާއި މިހާރު ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް އަނބުރާ ގެނެސްފައި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމަނިިކުފާނު ޖެއްސެވީ ފައިޒާ ވެކްސިނެވެ.

ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި، މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީވެ، ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.

ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ކަރެކްޝަނަލް ސާވިސްއަކުން ނުބުނެއެވެ.