ލ. ގަމުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަދެ އިމާމަށް ހަމަލާދީ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ލ. ގަމު، ތުނޑީ އަވަށު އާބާދީ ސަރަަހައްދުގައި ހުރި މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް، މީހަކު ވަދެ އަޑުގަދަކޮށް، މައިކް އެއްލައިލުމަށްފަހު ގޮސްފައިވާ މަައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ 2:50ގައި ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ގަމުގައި ހޮނިހިރު ދުވަހުގެ ރޭ ދަމު ނަމާދު ކުރަނިކޮށް މިސްކިތަށް ވަތް މީހާ ވަނީ ސަފުތައް ފޫއަޅުވައިލުމަށްފަހު އިމާމު މީހާއާ ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމަށްފަހު މިސްކިތުގައި ބޭނުން ކުރަމުން އަންނަ މައިކް ނަގައި ބިންމައްޗަށް އެއްލައިލައި އެތަނުން ނިކުމެގެން ގޮސްފަ އެެވެ.

މިސްކިތުން ނިކުމެގެން ބޭރު މަގުމަތީގައި ހުރެގެންވެސް މިސްކިތަށް ގާ އުކާފާއިވާ ކަމަށް މައުލޫމާތު ލިބެ އެވެ.