އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ކުރިމިނަލް ކޯޓުން ބާތިލު ކޮށްފިއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ، ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވަނިކޮށެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވައިފައެވެ.

ކުރިމިނަލް ކޯޓުގައި އޮތީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އަދުރޭގެ މައްޗަށް މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އޯޑިއޯ ވީޑިއޯ ސާމްޕަލް ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ސާބިތު ކުރުމަށް ދެން ހުށަހަޅާފައިވާ ހެއްކަކީ މައްސަލަ ސާބިތު ކުރުމަށް ކާފީ ހެއްކެއް ނޫން ކަމަށްވެސް ގާޒީ ނިންމެވިއެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އޯޑިއޯ ވީޑިއޯ ސާމްޕަލް ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަން ސާބިތު ކުރުމުގެ ގޮތުން އަދުރޭގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ އެ ސާމްޕަލް ނެގީ މައްސަލައިގެ ތަހުގީގުގައި އަބްދުއްރަހީމް ހަނުހުންނަވަނިކޮށް ކަމަށެވެ. އެއީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ)އާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ނުރުހުމުގައި ސާމްޕަލް ނެގޭނީ ވެސް ކޯޓު އަމުރެއްގެ ދަށުން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ އެކަންޏެވެ.

އެހެންކަމުން އެ ސާމްޕަލް އަކީ ގާނޫނާ ހިލާފަށް ނަގާފައިވާ އެއްޗެއް ކަމަށް ނިންމައި އަދުރޭގެ މައްސަލަ ކުރިމިނަލް ކޯޓުން މިއަދު ވަނީ ބޭރު ކޮށްލައިފައެވެ.