ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅު އެއްޗެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްސަލައިގައި ދައުލަތް ތަމްސީލުކުރެއްވުމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ނިންމަވައިފިއެވެ.

ޝަމީމް ވަނީ އެކަން 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އާންމު ގޮތެއްގައި އެހެން މައްސަލަތަކުގައި ޕީޖީގެ ފަރާތުން ދައުލަތް ތަމްސީލުކުރައްވާނީ އެ އޮފީހުގެ ވަކީލުންނެވެ. ޕީޖީ އަމިއްލަފުޅަށް ކޯޓަށް ވަޑައިގަންނަވަނީ ވަރަށް މަދު މައްސަލައެއްގައެވެ.

އެ މައްސަލައިގައި ޕީޖީ އަމިއްލަފުޅަށް ކޯޓަށް ދިއުމަށް ނިންމީ "މައްސަލައިގެ ސީރިއަސް ކަމަށް ބަލާފައި" ކަމަށް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، މި މިއްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އަދި މައްސަލަ ބަލަމުން ދަނީ ވެސް އެހާމެ އަހްމިއްޔަތުކަމެއް ދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މައްސަލައިގައި ޕީޖީގެ ދައުރަކީ ފުލުހުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން ކަމަށާއި އެކަމުގެ އަމަލީ މަސައްކަތުގައި ޕީޖީ ބައިވެރިވަޑައިގަންނަވަނީ ވެސް ކަމުގެ ބާވަތުންނާއި ސީރިއަސް ކަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު (25) އެވެ.

އެ ތިން މީހުންގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު، ކޯޓު އަމުރުގައި ބުނާ ގޮތުން ތިން މީހުން ވެސް ވަނީ އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިޒް (އައިއީޑީ) ގޮއްވާލި އަދުހަމް ބުނެފައިވަނީ، އެކަމާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

އަދުހަމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެގޮތުން 2013 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު، 2020 ވަނަ އަހަރު ވައްކަމުގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ދެން ހައްޔަރު ކުރި ތަހްމީން އަހްމަދަކީ، ގޮއްވާލި އައިއީޑީ ހަރުކޮށްފައި ހުރި ސައުކަލުގެ ވެރިފަރާތެވެ. އެހެން ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށް އޭނާގެ ނަމުގައި ސައިކަލް ރެޖިސްޓްރީކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

ތިންވަނައަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހްމަދަށް ވެސް ކުރަނީ ޓެރެރިޒަމްގެ ތުހުމަތެވެ. އަދި އޭނާ އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ފުލުހުން ހުށަހެޅި ނަމަވެސް އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

އެ ތިން މީހުން ވެސް ހައްޔަރުގައި ބެހެއްޓުމަށް ފުލުހުން އެދިފައިވަނީ ހެކި ނައްތާލައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވަނީ ބުނެފައެވެ.