ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރާ ކަމަށާއި މި ހަމަލާއާއެކު މުޅި ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ. ހަމަލާ ދިނުމާއެކު ވަރަށް އަވަހަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފެށި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށާއި އެމަނިކުފާނުގެ އަމިއްލަފުޅު ބައެއް ވާހަކަތަކާއި ބޭސްފަރުވާއާ ބެހޭ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހިތްވަރާއި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގެ ސްޕީޑް ރަނގަޅު ކަމަށާއި މައްސަލަ ތަގުގީގު ކުރުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިހާއި ލަންޑަން މެޓްރޮޕޮލިޓަން ޕޮލިހާއި ޔޫއެންއޯޑީގެ މާހިރުން ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު