ތިން މީހަކު ޕޮޒިޓިވްވެ ގދ. ގައްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ގައްދޫގައި ހުންނަ އެޗްޕީއޭގެ ފޯކަލް ޕޮއިންޓް، އާމިނަތު ރަޝީދާ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށެވެ. އެމީހާގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު ދެމީހަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައްދޫން ފަހުން ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކަކީ، ފުރަތަމަ ޕޮޒިޓިވްވި މީހާގެ އަންހެނުންނެވެ. ދެން ޕޮޒިޓިވްވީ އެމީހުންނާ ބައްދަލުވެފައިވާ މީހެކެވެ.

ރަޝީދާ ވިދާޅުވީ، އެ ތިން މީހުން ޕޮޒިޓިވްކަން އެނގުނީ މިއަދު ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 21 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ތިން މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝީދާ އިތުރަށް ވިދާޅުވީ، އެރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާ ކަމަށެވެ.

ގައްދޫ ހިމެނޭހެން 30 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.