އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ފަހު މެޗުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުމަށް މިވަގުތު ރާއްޖެ އައިސް ތިބި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން މާދަމާ ފުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ އަންގާރަ ދުވަހަށް އީގަލްސްއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ތާވަލުކޮށްފައި އޮތް ނަމަވެސް، އެ މެޗު ނުކުޅުމަށް ނިންމީ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިންނާ އޮފިޝަލުން ކޮވިޑް 19ގެ އުސޫލުތައް ފުނޑާލައި މާލޭގެ މަގުމައްޗަށް ނުކުތުމުންނެވެ. އެކަން އިއުލާންކުރައްވައި މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ކުރައްވާފައި ޓުވީޓުގައި ބެންގަލޫރު އެފްސީގެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައިވާ އިރު، މަހުލޫފު ވަނީ ވަގުތުން ވަގުތަށް ޓީމު ރާއްޖެއިން ދިއުމަށް އަންގަވައިފައެވެ.
އެ މައްސަލަ ހޫނުވެ އެފްއޭއެމްއިން އޭއެފްސީއަށް މެޗު ނުކުޅެވޭނެކަން އަންގާފައިވާ އިރު، އޭއެފްސީން ވަނީ ރާއްޖޭގައި މިމަހު 14 އިން 21 އަށް ކުޅެން އޮތް މި ޒޯންގެ ގްރޫޕް، ގްރޫޕް ޑީގެ މެޗުތައްވެސް ފަސްކުރިކަން އިއުލާންކޮށްފައެވެ.
ބެންގަލޫރު އެފްސީ ފޮނުވާލުމުގެ ކަންކަން ހަމަޖެއްސުމަށް އެފްއޭއެމްއަށް މިނިސްޓަރު އަންގަވާފައިވާ އިރު، އެޓީމުން ނެރުނު ސްޓޭޓްމަންޓްގައިވެސް ބުނެފައި ވަނީ ޓީމުން ރާއްޖެ ދޫކޮށް ދާން ތައްޔާރުވެފައިވާ ކަމަށެވެ. އެ ކްލަބުން ބުނެފައިވަނީ ޕެންޑަމިކްގެ ތެރޭގައި އެ ކްލަބުން އެކަހެރިކޮށް "ބަޔޯ ސެކުއާ ބަބުލް"އެއްގެ ތެރޭގައި ރައްކާތެރި ފިޔަވަޅުތަކާއެކު، ކެތްތެރިކަމާއެކު މަސައްކަތް ކޮށްފައިވާނެ ކަމަށާއި ރާއްޖެއަށް އައިސް އެ އުސޫލުތައް ނުހިފެހެއްޓުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވި ކުޅުންތެރިންގެ ކަންކަން ވަރަށް ގާތުން ބަލައި އަދަބު ދޭނެ ކަމަށް ކްލަބުގެ ސީއީއޯ ޕާތު ޖިންދާލްވެސް ވަނީ ވިދާޅުވެފައެވެ.
ބެންގަލޫރު އެފްސީއާއި އީގަލްސް މެޗަށް ވާނެ ގޮތެއް އަދި އޭއެފްސީން ނިންމާފައިނުވާ އިރު، ގްރޫޕް ޑީގެ މެޗުތައް ދެން ކުޅޭނެ ތާރީހެއްވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް