މިޒާޖުގައި މަޑުމައިތިރިކަމެއް ހުއްޓަސް ރުންކުރު މީހެކެވެ. ރުޅިގަދަ ގޮތްދޫނުކުރާ ގޮތެއް ހުންނަ މީހެކެވެ. މީގެ ކުރިން ފުޓުބޯޅައިގައި ވިދާލި ކުޅިވަރާ ގާތް ކުޅިވަރުގެ ރޮނގުން އިނާމުތައް ލިބިފައިވާ ޒުވާނެކެވެ. މޮޅު އެތުލީޓެކެވެ. ގައުމީ ފެންވަރުގައި ކުޅެފައި ވެއެވެ.

މިއީ ވ. ތިނަދޫ ހިޔާ، އަދުހަމް އަހުމަދު ރަޝީދު މީގެ ކުރިން މީހުން ދަންނަ ގޮތެވެ. އަދުހަމް އާއި އާއިލާ މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. މީގެ އަށެއްކަ އަހަރު ކުރީން އެ އާއިލާ ވަނީ ހުޅުމާލެއިން ލިބުނު ފުލެޓަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް، އަދުހަމް ގެ ދިރިއުޅުމަށް، އުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާން ފެށީ މީގެ ހަތަރު ފަސް އަހަރެއްހައި ދުވަސް ކުރީން ކަމަށް ގިނަ މަސްދަރުތައް ބުނެ އެވެ.

އަދުހަމް ދަންނަ މީހުން ބުނާ ގޮތުން އަދުހަމަކީ އެއްވެސް އިރަކު މާ ގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. އެކަމަކު އޭނާގެ ހިޔާލާއި ފިކުރު ބަދަލުވާން ފެށީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުވެ ބައްދަލުވާން ފެށި ބައެއް މީހުންގެ ސަބަބުންނެވެ. ނަސޭހަތް ދިނަސް އެ ނަސޭހަތް ގަބޫލު ކުރާ ވަރަށްވުރެ އަދުހަމްގެ ބޯހަރުކަން ބޮޑުވާން ފެށީ ފަހަކަށް އައިސް އޭނާގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. އޭނާގެ ސިކުނޑިއާއި ހިތާއި ކުޅެމުންދިޔައީ ކޮންބަޔަކު ކޮންއިރަކު ކަން ބުނަން ނޭނގުނު ނަމަވެސް އޭނާގެ ވިސްނުން ހުރީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިކަން އެނގޭކަމަށް އެމީހުން "ވަން" އަށް ބުންޏެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުއްސުރެން ފުލުހުން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އަދުހަމްގެ އާއިލާގެ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އަދުހަމް ވަރަށް ކުރީއްސުރެ ވެސް ދިރިއުޅެމުން އައީ މައިންބަފައިންނާ އެކު މާލޭގައި ކަމަށެވެ. ހުޅުމާލެއަށް ބަދަލުވެ ދިރިއުޅޭތާ އަށެއްކަ އަހަރު ވެއްޖެ ކަމަށާއި އޭނާ އަކީ ވަރަށް މަޑުމައިތި، މީހުންނަށް ހެޔޮ، އެހެން މީހުންނާ މުއާމަލާތް ކުރާއިރުވެސް ރީތި ބަހުން މުއާމަލާތް ކުރާ މީހެއް ކަމަށް ބުންޏެވެ.

"އަދުހަމްއާ އެއްބަނޑު އެއްބަފާ ތިބޭނީ އަދުހަމާ އެކު ތިން ކުދީން. ދޮށީ ހުންނާނީ ފިރިހެން ކުއްޖެއް. ދެން މެދަށް އަދުހަމް، ހަގަށް އަންހެން ކުއްޖެއް، އަދުހަމަކީ ވަރަށް މަޑުން ހުންނަ މީހެއް، މީހުންނަށް ހެޔޮ، މީހުންނާ މުއާމަލާތް ކުރާއިރު ވެސް ރީތިކޮށް މުއާމަލާތް ކުރާ މީހެއް،" ވަން އާ ވާހަކަދެއްކި އަދުހަމް ގެ އާއިލީ މެންބަރު ކިޔައިދިނެވެ.

އޭނާ ބުނީ ޑިމޮކްރެސީ އާއި ވޯޓުލުން ފަދަ ކަންކަން އަދުހަމް ގަބޫލު ނުކުރާ ކަމަށެވެ، ނަމާދު ކުރަން ޖަމާއަތަށް ވެސް މިސްކިތަށް ނާރާ ކަމަށާއި އެހެން ނަމަވެސް ބަންގި ގޮވާ އިރަށް ހުރިތަނެއްގައި ހުރެގެން ބަރާބަރަށް ނަމާދު ކުރާ ކަމަށް ވެސް ބުންޏެވެ. މީހަކާ ކުރީން ކައިވެނި ކުރި ނަމަވެސް އެކައިވެނި ރޫޅުނުތާ އަހަރުތަކެއް ވެއްޖެ އެވެ. ދަރިޔަކު ނުހުރެ އެވެ.

އާއިލާގެ މެންބަރު ބުނީ އަދުހަމް ހަރުކަށި ފިކުރުގެ ތެރެޔަށް ދިޔައީ ކޮން އިރަކު ކަން ސީނާ ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ހުޅުމާލެ އަށް ބަދަލުވީ ފަހުން ބައްދަލުވާން ފެށި ބައެއްގެ ވާހަކަތަކުގެ ތެރެއިން، އެމީހުންނާ އެކު އުޅޭން ފެށި ފަހުން އައި ބަދަލެއް ކަމަށް ފާހަގަވާ ކަމަށެވެ.

އާއިލާގެ މެންބަރު ބުނީ ހުޅުމާލޭގައި އަދުހަމް ދިރިއުޅޭ ފުލެޓުގައި ދެން އުޅެނީ އޭނާގެ ބައްޕަ އާއި މަންމަ އާއި އަންހެން ކޮއްކޮ އާއި ބޭބެ އަދި މާމަ" ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ބޮން ގޮއްވާލި ރޭ އަދުހަމް ގެޔަށް ނިދާން ނުދާ ކަމަށާއި އޭނާ ގެއަށް ދިޔައީ އަނެއް ދުވަހު ހެނދުނު ކަމަށްވެސް ވަން އަށް މައުލޫމާތު ދިން މީހާ ބުނެއެވެ.

"އެކަމަކުވެސް އަމިއްލައަށް ރާވައިގެން އަމިއްލަ އިހުތިޔާރުގަ އަމިއްލަ އިސްނެގުމުގެ ދަށުން މި ވަރުގެ ބޮޑު ކަމެއް އަދުހަމް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދުހަމަކީ މި ބޮޑު ކަންތައްގަނޑުގައި ބޭނުންކޮށްފައިވާ ކުޅިއެއް. މީގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ވަރަށް ޔަގީން." އާއިލާގެ މެންބަރު ބުންޏެވެ.

އޭނާ ބުނީ އަދުހަމް ފަދަ މައުސޫމް ކުދީން ހަލާކުކޮށްގެން މި ފަދަ ޖަރީމާތަކުގެ ތެރެޔަށް ވައްދައި ހަލާކު ކުރާ ބަޔަކު މުޖުތަމައުގައި އެބަ އުޅޭ ކަމަށާއި މި ހަމަލާގެ ވެސް ހަގީގީ މުޖުރިމުންނަކީ ހަގީގީ ރޭވުންތެރީންނަކީ އަދި ފަހަތުގައި ތިބީ އެ ފަދަ މީހުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަދުހަމަށް އެފަދަ އެއްޗެއް ހަދައި ތައްޔާރު ކުރާން އެއްވެސް ވަރަކަށް އެނގޭނެ ކަމަށް ގަބޫލެއް ނުކުރެވޭ. އެއީ ކުރީން ވަރަށް ވެސް ރަނގަޅު އަދި ހަރުދަނާ ކުއްޖެއް، އޭނާ ބަދަލުވީ ހަރުކަށި ފިކުރުގެ ބަޔަކާ މި ފަހަކުން ދިމާވެގެން އެމީހުންނާ ހެދި. ބަދަލުތައް އައިސް އެކަން ފާހަގަވާން ފެށިފަހުން ވާނީ ވެސް ހަތަރު ފަސް އަހަރެއް." އާއިލާއިން ވާހަކަ ދެއްކި މީހާ އަސަރާއެކު ބުންޏެވެ.

އާއިލާއިން "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ ފަހަކަށް އައިސް، އާއިލާގެ އެއްވެސް މީހަކު ބުނާ ގޮތް އަދުހަމް ނުހަދާ ކަމަށެވެ. މައިންބަފައިންގެ ބަސް ވެސް ގަބޫލު ނުކުރާ ކަމަށެވެ. އަދުހަމްގެ ދިރިއުޅުން ހަލާކުގެ މަގަށް ބަދަލުވީ ޖެހުނު ބައެއްގެ ސަބަބުން ކަމަށާއި ތަންކޮޅެއް ކުރީންވެސް ކޮންމެވެސް ކަމަކާ ގުޅިގެން އަދުހަމްގެ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކުން ބެލި ކަމަށެވެ.

"އަދުހަމްގެ މައިންބަފައިންނަކީ ވަރަށް ރަނގަޅު މީހުންނަށްވެސް ހެޔޮ ބައެއް. އެކަމަކު މި އަދުހަމަކީ އެއްގޮތަކަށްވެސް އޭނަގެ މައިންބަފައިންގެ ބަސްއަހާ މީހެއް ނޫން. ވަރަށް ނުލަފާކޮށް އުޅޭނީ. ހަރުކަށި ފިކުރަށް ތަބާވާނީ. އޭނަ ބުނާ ގޮތް ނަހަދާ މީހުން އެއީ ކާފަރުން ކަމަށް ދެކޭނީ. މަޑުމަޑުން ހުއްޓަސް ނުލަފާކަން ދައްކާލާނެ. އޭނަ އަކީ ރުންކުރު ރުޅިގަދަ މީހެއް. އެކަމަކު މި ހުރިހާ ކަމެއް ވީ އޭނާއަށް އައި ބަދަލާ އެކު." ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަދުހަމްގެ މައިންބަފައިންނަކީ ރައީސް ނަޝީދާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބަޔެކެވެ. އަދުހަމްގެ ބައްޕަ ރައީސް ނަޝީދާއެކު ރިސޯޓުގައި ވަރަށް ކުރިން މަސައްކަތް ކުރި ކަމަށާއި އެގޮތުން އެ އާއިލާއާ ރައީސް ނަޝީދާ އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ.

އުމުރުން 26 އަހަރުގެ އަދުހަމް ހައްޔަރުކޮށްގެން ގެންދިޔައީ އާއިލާގެ އެންމެން ކުރިމަތީގަ އެވެ. މިކަމާ ގުޅިގެން އަދުހަމްގެ ބައްޕައަށް "ވަން" އިން ގުޅާލުމުން ބުނީ އެއްވެސް ވާހަކައެއް ދައްކާން ބޭނުން ނުވާ ކަމަށެވެ.

އަދުހަމް ހައްޔަރު ކޮށްގެން ގެންދިޔަ އިރު އެތަނުގައި "ވަން" ގެ ނޫސްވެރިން ތިއްބެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިއުމުން އެ ފުލެޓު ކައިރިޔަށް ވަންގެ ނޫސްވެރީން ގޮސް ބެލި އިރު އޭނާ ދިރިއުޅެނީ އެ ފުލެޓުގެ އެންމެ ތިރީ ބުރީގަ އެވެ. އެ ފުލެޓުގެ ބެލްކަނީގައި ހުރީ އެއްކޮށް ދަގަނޑު ތޭރި ޖަހައި އެތެރެ ނުފެންނަ ގޮތަށް ކަޅުކޮށް ބައްދާފަ އެވެ.

އެހިސާބުގަނޑުން ވާހަކަ ދެއްކި މީހަކު ބުނީ މިގޮތަށް ކަޅުކޮށް އެތެރެ ނުފެންނަ ގޮތަށް ބައްދާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ބޮމުގެ ހަމަލާއަށްފަހު ގިނަ ސާޖަރީތަކެއް ކުރުމަށްފަހު، ރައީސް ނަޝީދު މިހާރު ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު މިހާރު ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި ހަމަލާއާި ގުޅިގެން އަދުހަމްގެ އިތުރުން އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. މި ދެމީހުންނަކީވެސް މި ހަމަލާއާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މި ދެ މީހުންނަކީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ.

އަދުހަމް ގެ ހަޔާތް ބަދަލުވެގެން ދިޔަ ކަމަށް ގިނަ ބަޔަކު ބުނަނީ އަނދިރި ދައުލަތުގެ ސަބަބުން ކަމަށެވެ. އަނދިރި ދައުލަތަކީ ރައީސް ނަަޝީދު ކުރީއްސުރެ ވެސް ފާހަގަކުރައްވަމުން ގެންދަވާ ހަރުކަށި ފުކުރުގެ ބާރެވެ.