ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އިތުރު ބަޔަކުވެސް ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ ހަމަލާއާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހަމީދު ވިދާޅުވީ، މިކަމުގެ ސްކޯޕް ހަމައެކަނި ހުރީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދައި ހުއްޓާލުމަށް ނޫން ކަމަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަދި މިއަށްވުރެ ބޭރަށް އެކި ފަންތީގައި އެކި ލެވަލްގައި ދައުރު އަދާކޮށްފައިވާ ފަރާތްތައް މިފަދަ ކަމެއްގައި ހިމެނޭނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. މީގަ ހަމަލާގެ ޓާގެޓް ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ އެންމެ އިސްފަރާތް. އެހެންވީމަ މިފަދަ ހަމަލާއެއް ރޭވުމާއި އެހީތެރިވުމާއި އެކްޒެކިއުޓް ކުރުމާއި މިކަންކަމުގައި ހިމެނޭނީ އަދި މި ތިން ހަތަރު ފަރާތެއް ނޫން. އެއަށްވުރެން ގިނަ ވާނެ،" ސީޕީ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.

ބޮން ގޮއްވާލުމުގެ އަމަލީ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފައިވަނީ މިއަދު އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ.