މާލޭގައި ހޯސްޓު ކުރަން އޮތް އޭއެފްސީ ކަޕް ގުރޫޕް ޑީގެ މެޗުތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

އޭއެފްސީން ދާދި ދެންމެއަކު ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ރާއްޖެއިން އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކާއި ސިއްހީ ފިޔަވަޅުތަކުގެ ސަބަބުން މިމަހު 14 އިން 21 އަށް ރާއްޖޭގައި މެޗުތައް ކުޅެވެން ނެތް ކަމަށެވެ.

މިވަގުތު ރާއްޖޭއަށް އޭއެފްސީ ކަޕު ކުޅުމަށް ގޮސްފައިވާ ޓީމުތަކުން އަނބުރާ ގައުމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ރާއްޖެއަށް ދަތުރުކުރަން އޮތް ޓީމުތަކުން ދަތުރު މަޑުޖައްސާލުމަށްވެސް އޭއެފްސީން ވަނީ އަންގައިފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވަނިކޮށްވެސް ސަރުކާރުން ފުރަތަމަ ވަނީ މެޗުތަކަށް ހުއްދަ ދީފައެވެ. ރައްކާތެރި ކަމަށް އޭއެފްސީން ހަދާފައިވާ އުސޫލުތަކާއި އެޗްޕީއޭގެ ގައިޑްލައިންތަކާއެކު "ބަޔޯ ސެކުއާ ބަބުލް"އެއްގެ ތެރޭގައި ހުރިހާ ޓީމުތަކެއް އާންމުންނާ އެކަހެރިވެ މެޗުތަކަށް ހުއްދަ ދިން ނަމަވެސް ކޮލިފިކޭޝަންގައި މިމަހު 11 ވަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާ ބެންގަލޫރު އެފްސީން ވަނީ ކޮވިޑް-19 އުސޫލުތައް މުގުރާލައިފައެވެ.

އެގޮތުން އެެ ޓީމުގެ ބައެއް ކުޅުންތެރިން މަގުމައްޗަށް ނުކުތް ފޮޓޯތަކެއް އާންމުވެފައިވާ އިރު، އެކަމުގައި މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ބެންގަލޫރު އެފްސީން ރާއްޖެއިން ދިއުމަށް އެދިފައެވެ. އަދި މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމް އާއި އޭއެފްސީއަށްވެސް އެންގިއެވެ.

ގްރޫޕު ޑީގެ މެޗުތަކަށް ރާއްޖޭގެ މާޒިޔާވެސް މިހާރު ކޭމްޕު ކޮށްފައިވާ އިރު، އެ މެޗުތަކަށް ދެން އަންނަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސްއެވެ. އަދި ގްރޫޕުގެ ފަހު ޖާގަ ޔަގީންވާން އޮތީ އީގަލްސް އާއި ބެންގަލޫރު ކުޅެން އޮތް މެޗުންނެވެ.