ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މުހިއްމު މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އެއްވަރުވެއްޖެއެވެ.

ބާސާ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެފައިވާ އިރު، ލީގު ރޭހަށް މިރޭގެ ނަތީޖާ މުހިއްމެވެ. އެއްވަނައިގައި މިވަގުތު އެތުލެޓިކޯ މެޑްރިޑް 35 މެޗުން 77 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ބާސާ އޮތީ 35 މެޗުން 75 ޕޮއިންޓާއެކުގައެވެ. މެޗު އެއްވަރުވުމުން ރެއާލް މެޑްރިޑަށް ވަނީ އަނެއްކާވެސް އެއްވަނައަށް އެރުމަށް ފުރުސަތު ފަހިވެފައެވެ.

ރެއާލްއިން ސެވިއްޔާއާ ދެކޮޅަށް މާދަމާ ރޭ ނުކުންނަ އިރު، އެޓީމަށް އެ މެޗު ކާމިޔާބުކޮށް ލަލީގާ ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. ލީގުގައި މިވަގުތު ބާސާގެ އިތުރުން އެތުލެޓިކޯއަށްވެސް ބާކީ ތިން މެޗު އޮތް އިރު، ރެއާލަށް އަދި ހަތަރު މެޗު އެބައޮތެވެ.

ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ބޯޅަ ރަނގަޅަށް ހިފަހައްޓައިގެން ކުޅުނު އިރު، މެޗުގެ ކުރީކޮޅުގައިވެސް ބާސާގެ ކުރީގެ ފޯވަޑް ލުއިޒް ޝުއަރޭޒަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޝުއަރޭޒްގެ ހަމަލާ ބާސާ ގޯލްކީޕަރު ޓާ ސްޓާގެން މަތަކޮށް ބޭރުކޮށްލާފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން ޔަނިކް ކަރެސްކޯ ޖެހި ބޯޅަވެސް ބޭރުކޮށްލީ ސްޓާގެންއެވެ.

ބާސާއިން ފުރަތަމަ ހާފުގައި އުފެއްދި ހަމައެކަނި ހަމަލާ އުފައްދީ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީގެ ނުރައްކާތެރި ހަމަލާ މަތަކޮށް ބޭރުކޮށްލީ އެތުލެޓިކޯގެ ގޯލްކީޕަރު އޮބްލަކެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބާސާއިންނެވެ. ޖެރާޑް ޕީކޭ ބޮލުން ޖެހި ހަމަލާ އޮބްލަކް ބޭރުކޮށްލި އިރު، އުސްމާން ޑެމްބޭލޭގެ ހަމަލާ ދިޔައީ ދަނޑީ ކައިރިން ބޭރަށެވެ. މެޗުގައި އެންމެ ނުރައްކާތެރިކޮށް ފެނުނު މެސީ ޖެހި ހިލޭ ޖެހުންވެސް ދިޔައީ ކިރިޔާ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ފަހުންވެސް މެސީ ހުއްޓުވީ އެތުލެޓިކޯ ގޯލްކީޕަރު އޮބްލަކެވެ.