ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ސައިކަލުގެ ނަންބަރު ބޯޑު ބަދަލުކޮށްފައިވާ ކަމަށާއި އިންޖީނު ނަންބަރު ކަހާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު ހަމީދު ވިދާޅުވީ، ގޮއްވާލި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައިވާ ކަމަށާއި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.
ސީޕީ ހަމީދު ވިދާޅުވީ، އެ ދެމީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ދެމީހުން ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ، ގޮއްވާލި ސައިކަލުގެ ނަންބަރު ބޯޑު ބަދަލުކޮށްފައިވާ ކަމަށާއި އިންޖީނު ނަންބަރު ކަހާލުމަށްވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.
"އިންޖީނު ނަންބަރުވެސް ވަރަށް ބޮޑަށް ކަހާފައިވަނީ. ވަރަށް ބޮޑަށް ފޮރުވަން މަސައްކަތްކޮށްފައިވަނީ. ނަމަވެސް މިހާރު މިވަނީ ސައިކަލުގެ ވެރިފަރާތް ހޯދިފައި،" ސީޕީ ހަމީދު ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ ހާދިސާގެ ވީޑިއޯވެސް އާއްމުކޮށްފައެވެ. އަދި ހައްޔަރުކުރި ދެމީހުންގެ އިތުރުން އިތުރު މީހެއްގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ ހާދިސާގެ ވަގުތުގައި އަތަމާ ޕެލެސް ކައިރީ ހުރި މީހެކެވެ.
ފުލުހުން ބުނީ، ތަހުގީގަށް މިހާރު ހޯދަމުން އަންނަ އެންމެ މުހިންމު މީހާއަކީ ހާދިސާގެ ވަގުތުގައި އަތަމާ ޕެލެސް ކައިރީ ހުއްޓިގެން ހުރި މީހާ ކަމަށާއި އެމީހާގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއްނަމަ ހިއްސާކުރުން އެދޭ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ހަށިފާރަވެރިންނާއެކު ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ އައިއީޑީ ހަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ކާރުކޮޅާއި ކައިރީގައި ޕާކުކޮށްފައި ހުރި ވޭވް ބްރޭންޑްގެ ސައިކެލެއްގައެވެ.
ޚަބަރު
ޚަބަރު